ބޮލީވުޑްގެ ނަން މަޝްހޫރު ތަރި ޕްރީތީ ޒިންތާ އަކީ ވަރަށް ގިނަ މީހުން ނަމޫނާއަކަށް ބަލާ، މީހުންގެ މަގްބޫލުކަން ހޯދާފައިވާ ތަރިއެކެވެ. މިދިޔަ އާދީއްތަ ދުވަހު ވައިރަލް ވެފައިވާ އޭނާގެ ކަސްރަތު ވީޑިއޯ ފެނިފައި ވަރަށް ގިނަ މީހުން ކަސްރަތު ކުރާހިތް ވަނެކަން ޔަގީނެއވެ.
އެ ވީޑިއޯ ބެލުމުން އޭނާ ފިޓްނަސްއަށް ލޯބިކުރާވަރު ހާމަވެއެވެ. ބަންދު ދުވަހެއްނަމަވެސް އޭނާ ކަސްރަތު ކުރަނީ ވަރަށް ގަޔާވެގެންނެވެ. އެ ވީޑިއޯ ބެލި މީހުން ބުނާ ގޮތުގައި އޭނާއަކީ ފިޓްނަސްގެ ލާމަސީލު ނަމޫނާއެކެވެ. ކޮންމެ ތަނެއްގައި އޭނާ ހުރި ނަމަވެސް އޭނާ ކަސްރަތު ނުކުރާ ދުވަހެއް ނުދެއެވެ.
ޕްރީތީގެ އެންމެ ފަހުގެ ވައިރަލް ވީޑިއޯގައި އޭނާ ކަސްރަތު ކުރަމުން ދިޔައީ ސެލެބްރިޓީ ޓްރެއިނާ ޔާސްމިން ކަރަޗިވާލާގެ ފިޓްނަސް ސްޓޫޑިއޯގައެވެ. އެ ވީޑިއޯ ބެލުމަށް ފަހު އެނދުން ތެދުވެ ކަސްރަތު ކުރުމަށް ހިތްވަރު ލިބުނު ކަމަށް ވަރަށް ގިނަ މީހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އޭނާ ޝެއާ ކުރި ވީޑިއޯއިން ފޭނުންނަށް އޭނާގެ ރޮބަސްޓު ކަސްރަތު ސެޝަންގެ މިންވަރެއް ފެނިގެންދެއެވެ. ޔޯގާ މެޓުގައި އޮށޯވެގެން ސްޓްރެޗްބޭންޑުގައި އެލިގެން އޮތް ޕްރީތީ މަސަތްކަތްކުރީ އޭނާގެ (ކޯ މަސަލްސް) ވަރުގަދަ ކުރުމަށެވެ. އެގޮތުން އޭނާގެ ދެެ އަތް ދެފަރާތުގައި ބޭއްވުމަށް ފަހު އުނަގަނޑުން ތިރިޔަށް ބާރުލައި އޭނާގެ މުޅި ހަށިގަނޑު މައްޗަށް ހިއްލައެވެ. އަދި ކަކޫ ލަންބާފައި އުނަގަނޑާ ދިމާއަށް ސްޓްރެޗުބޭންޑު ދަމާލުމަށް ފަހު މަދުމަޑުން ފައި ސީދާ ކުރެއެވެ. މި ކަސްރަތު ހަފްތާއަކު ދެތިންފަހަރު ކުރުމުން ކޯ މަސަލްސް ވަރުގަދަ ވެއެވެ.
ޕްރީތީގެ އުމުރުން 46 އަހަރު ވެފައި ވާއިރު އޭނާގެ ހަށިގަނޑު އެހާ ދުޅަހެޔޮކޮށް ހުންނަނީ ގަވާއިދުން ކަސްރަތު ކުރާތީއެވެ. ޕްރީތީގެ އިރުރުން ފިލްމީ ދާއިރާގައި މަޝްހޫރު އެތައް ތަރިން އުމުރުން ކިތައްމެ ގިނަ ދުވަހެއް ވީނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބެނީ ގަވާއިދުން ކަސްރަތު ކުރާތީއެވެ.
ގަވާއިދުން ކަސްރަތު ކުރުމުން މީހާ ވަރަށް ގިނަ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ. އަދި މީހާގެ މޫޑު ރަނގަޅުވެ މީހާ ޑިޕްރެޝަން ފަދަ ބަލިތަކުން ދުރުކޮށްދެއެވެ. ރާއްޖޭގައިވެސް މިހާރު ވަރަށް ގިނަ ފިޓްނަސް ޕުރޮގްރާމުތައް ހިންގައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރުގެ ޖިމްތައްވެސް ގާއިމް ކޮށްފައި އެބަހުއްޓެވެ.
ދިވެހިންނަނީވެސް ގިނަގިނައިން ކަސްތަރު ކުރާ ކަސްތަރަށް ލޯބި ކުރަ ބަޔަކަށް ވާން ޖެހޭނޫންހެއްޔެވެ.