މުވައްޒަފުންނަށް އަންނަ މަހުން ފެށިގެން ސެޓްފިކެޓް ޕްރޮމޯޝަން ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓްރީއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނިގެން މަޑުޖައްސާލާފައިވާ ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިބި މުވައްޒަފުންނަށް ވަކި ފެންވަރެއްގެ ސަނަދެއް ހާސިލްކުރުމުން ދެވޭ ޕްރޮމޯޝަން (ސެޓްފިކެޓް ޕްރޮމޯޝަން) ދިނުމުގެ ކަންކަން އަންނަ މަހުން ފެށިގެން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް ޖެހިނަމަވެސް، އެ ޗިޓާ އެއްގޮތަށް މުސާރައާ އިނާޔަތްތައް ހަމަޖެހިފައިނުވާ މުއައްޒަފުންނަށް ވެސް، އަންނަ މަހުން ފެށިގެން ޗިޓުތަކުގައިވާ ގޮތުގެ މަތީން މުސާރައާ އިނާޔަތްތައް ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އަންގާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގައި ތިބި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދިނުން އޮކްޓޫބަރު 1، 2021 އިން ފެށިގެން ކުރިއަށްގެންދެވޭނެ ކަމަށެވެ.

ޕްރޮމޯޝަން ޗިޓް އެޕްރޫވްވި ތާރީހުން ފެށިގެން އޮކްޓޫބަރު 1، 2021ގެ ނިޔަލަށް ދޫނުކުރެވިހުރި މުސާރައާ އިނާޔަތްތައް ދިނުމާގުޅޭ ގޮތުން މިހާރު ސިވިލް ސާވިސް ކޮމިޝަނުން ކަމާގުޅޭ އިދާރާތަކާއެކު ކުރިއަށްދާ މަޝްވަރާތައް ނިމުމުން، އެފައިސާ ދިނުމާމެދު ވަކި ގޮތެއް އަންގާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.