އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މިހާރު ދެމުން ގެންދާ އެލަވަންސް، އަންނަ އަހަރުން ފެށިގެން ބޮޑުކުރުމަށް ނިންމާ، މުސާރައިގެ އާ އޮނިގަނޑު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފިނޭންސް މިނިސްޓްރީން ފޮނުވައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޯޓަކުން އިންތިހާބުކޮށް ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް މަތިކޮށްފައިވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ މަހު 18 ވަނަ ދުވަހު ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ އެލްޖީއޭ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ރައީސް ސޯލިހުގެ އެ ނިންމެވުމާ އެއްގޮތަށް މުސާރަ ބޮޑުކުރަން ނިންމާފައިވާ އަންގާފައެވެ.

އޭގެ އިތުރުން އެސިޓީގައި މުސާރައާ އެލަވަންސްތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް އަންނަ އަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް މުސާރައާ އެލަވަންސް ދިނުމަށާ އަދި އެ ފައިސާ ކައުންސިލްތަކުގެ ބަޖެޓުގައި ހިމެނުމަށް ވެސް އެދިފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭނެ މުސާރައާ އެލަވަންސް ކަނޑައަޅަން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން ކަމަށް ލާމަރުކަޒީ ގާނޫނަށް ގެެނެސްފައިވާ އަށްވަނަ އިސްލާހުގައި ވެއެވެ.