ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން މިނިވަންކުރަންޖެހޭ ކަމަށާއި އެކަމުގައި މީހަކު ޖާމިނު ކުރަން ޖެހޭނަމަ ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރޭ އޮތް ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ޖާމިނުކޮށްފައި ނަމަވެސް ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދި ވަޑައިގަންނަވާ ކަމަށާއި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ސުޕްރީމްކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ފެށިފައިވާއިރު ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށްވެސް އެމަނިކުފާނުގެ ވަކީލުންވަނީ އެދިވަޑައިގެންފައިއެވެ.
ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާނަމަ މައިގަނޑު 3 ކަމެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން އެއްކަމަކީ ޝަރުތުތަކަކާއެކު ދޫކޮށްލުން ކަމަށާއި ދެވަނަ ކަމަކީ ފައިސާ ދީފައި ކަފާލާތުގެ ދަށުން ދޫކޮށްލުން ކަމަށާއި 3 ވަނަ ކަމަކީ ޖާމިނުކޮށްފައި ދޫކޮށްލުންކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
ހުކުމް ކުރުމުގައި ބިރުވެތި ވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުން ފެނިވަޑައިގެންނެވި ކަމަށާއި އެބަސްފުޅަކީ ހުރިހާ ފަނޑިޔާރުންވެސް ކަނުލާ އަޑުއައްސަވާނެ ބަސްފުޅަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން ވަރަށް އަދުލުވެރިކަމާއެކީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާކަން ކަށަވަރުކޮށްގެން މިމައްސަލައިގައި ހުކުމަކާ ހަމައަށް އައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި މިގައުމުގެ ހަމަޖެހުމާ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކާވެސް ރައީސް ޔާމީންގެ އިސްތިއުނާފްގެ މަރުހަލާގައި އަދުލުވެރި އިންސާފުވެރި ހުކުމެއް ކުރުމަކީ ރައްޔިތުން އިންތިޒާރު ކުރާ އަދި ރައްޔިތުން އުއްމީދު ކުރާ ކަމެއް ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.