ސްޕްރީމް ކޯޓު ހިމެނޭ ސަރަހައްދު، އިސްލާމިކް ބޭންކާ ހިސާޞުގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާކުރަން ފަށަފައިފިއެވެ.

އިދިކޮޅުން މުޒާހަރާކުރަން ފަށާފައި ވަނީ ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީއަތް ސްޕްރީމް ކޯޓުގައި ކުރިއަށް ދާތީއެވެ.

މި ހަރަކާތުގެ އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ސަޕޯޓަރުން ވެސް ދަނީ ބައިވެރިވަމުންނެވެ. މުޒާރަހާގެ ބައިވެރިން ގޮވާލަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ސޯލިހުގެ އިސްތިއުފާއަށެވެ.

ރައީސް ޔާމީންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މިއަދު ފަށާފައި ވާއިރު، ކަފާލާތުގެ އުސޫލުން ރައީސް ޔާމީން ދޫކުރުމުގެ އިތުރަށް އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށްވެސް އެމަނިކުފާނުގެ ވަކީލުންވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ ބަލާ ބެންޗަށް ހަމަޖައްސާފައި ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޔާމީނުގެ މަށްޗަށް ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2021 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ.

ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.