ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ރ. ފައިނުގައި ޕަބްލިކް ލައިބްރަރީއެއް ގާއިމް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ޒުވާނުން ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރު ކުރުމާއި އިލްމީ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

މި ލައިބްރަރީގައި ކޮމްޕިއުޓާ ލެބެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން ދަރިވަރުންނަށް ސްކޫލުގެ އެކިއެކި މަސައްކަތްތައް ކުރުމާއި، ރިސާޗް މަސައްކަތް ކުރުމަށް ތިން ކޮމްޕިއުޓަރު ސިސްޓަމް ބަހައްޓާފައި ވާނެ ކަމަށް ބޭންކުން ބުނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކޮމިއުނިޓީ ސެންޓަރ ކުރިމަތީގައި އޮތް ހުސް ބިމުގައި ފޮތްކިޔަން ތިބެވޭނެހެން ބެޗް ބަހައްޓައި ފޮތް ހަރުގަނޑު ވަނީ ބަހައްޓާފައެވެ. އަދި ރަށުގެ އަތިރިމަތީގައި މީހުން އެއްވެ އެޅޭ 3 ސަރަހައްދެއްގައި މޮބައިލް ފޮތް ހަރުތަކެއް ބަހައްޓާ ގިނަ ރައްޔިތުންނަށް ފޮތް ކިޔޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކޮށްފައި ވަނީ ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާރސް (ފޭސް) ޖަމިއްޔާއެވެ.

" ޕަބްލިކް ލައިބްރަރީ އަދި ކޮމްޕިއުޓަރ ލެބްގެ ސަބަބުން ސްކޫލް ދަރިވަރުންނާއި، އެކި ކޯސްތަކުގައި ކިޔަވަމުންދާ ފަރާތްތަކާ އަދި މިޖަމިއްޔާއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކުދި ކޯސްތަކުގެ ބައިވެރިންނަށް އިލްމީ ދިރާސާ، އެސައިންމެންޓް އަދި ރިފަރެންސް މެޓީރިއަލް ހޯދުމަށް ވަރަށްބޮޑު އެހީއަކަށްވެގެންދާނެ. މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އެކި ފަންތީގެ މީހުން ފޮތްކިޔުމަށް އަހުލުވެރިވެ އިލްމީ މުޖުތަމައުއެއް ބިނާ ކުރުމަށް މިޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް އިތުރު އެހީއަކަށްވެގެންދާނެ."
ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާރސް (ފޭސް) ޖަމިއްޔާގެ ރައީސް ހުސައިން ވަހީދު

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ރ. ފައިނުގެ ޕަބްލިކް ލައިބްރަރީ/ ފޮޓޯ:ބީއެމްއެލް

އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. މުޖުތަމައަަށް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކުގެ އިތުރުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ވެސް ޕްރޮޕޯސަލް ހުށަހަޅެމުގެ ފުރުސަތު ދެވިފައިވާ ކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.