އިންޑިއާ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ އުތުރަށް ވިޔަފާރީގެ އިންގިލާބެއް ގެންނާނެ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާ ކުރައްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުގެ މަސައްކަތަކަށް ބަލާއިރު، 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަންގެ މަސައްކަތާއި، 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލް ބިލްޑިންގެ މަސައްކަތް ހިމެނެއެވެ. ހަމައެއާއެކު 3800 އަކަމީޓަރުގެ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތާއި ފިއުލް ފާމް އަދި ފިއުލް ޖެޓީގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން އެއާޕޯޓަށް ބޭނުންވާ މަގުތައް ހެދުމުގެ މަސައްކަތާއި މި މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ އެމްއެންޑީއެފް މަރުކަޒުގެ މަސައްކަތް ވެސް ހިމެނެއެވެ.

އެއާޕޯޓްގެ ރަންވޭގެ މަސައްކަތާއެކު މުޅި މަޝްރޫއުގެ 88.7 ޕަސެންޓް ނިމިފައިވާ ކަަމށް މުއްތަލިބް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ޕެސެންޖާ ޓާމިނަލްގެ މަސައްކަތުގެ 83 ޕަސެންޓް މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގަރާއި ކާގޯ ބިލްޑިންގެ މަސައްކަތުގެ 96 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރާ މަސައްކަތަކަށް ވާއިރު އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހަނިމާދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަންނަ ސެޕްޓެމްބަރު މަހު މި އެއާޕޯޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މުއްތަލިބް ވިދާޅުވެފައިވާ އިރު، މީގެ ކުރިން އާރްއޭސީއެލް އިން ބުނެފައި ވަނީ މި މަޝްރޫއުގެ މަސައްކަތް މި އަހަރު ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.