ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ އިސްލާމް އަދި ގުރްއާން ފޮތްތަކުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ގޮތް ދެނެގަތުމަށް އެކުލަވާލެވުނު ކޮމެޓީގެ މަސައްކަތް ފަށައިފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކޮމެޓީގެ މަސައްކަތް 7 ދުވަހުގެ ތެރޭގައި ނިންމާ އެޑިއުކޭޝަން މިނިސްޓަރަށް ރިޕޯޓު ހުށަހަޅާނެ ކަމަށެވެ. އަދި ރިޕޯޓުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެންނާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވަނީ ސްކޫލްތަކުގައި ދަރިވަރުން ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވެ، ފޮތްތައް ޕްރޫފް ރީޑް ކުރުމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

ސްކޫލްތަކުގައި ދަރިވަރުން ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވެ، އެ ދެ މާއްދާގެ ފޮތްތައް އަލުން ރިވިއު ކުރަން ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.