ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްފައިވާ ކަމަށާއި އަދި ހާބަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 7,280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 65,520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރު ބޭސިން ފުންކުރުން ހިމެނެ އެވެ. އަދި 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުންވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން 2825 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

72.66 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓިސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.