ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބްރިޖް އެޅުމުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، ފެހެންދޫގެ 18,500 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރެވިފައި ވެއެވެ. އަދި ނެރަށް ވަންނަ ސަރަހައްދުގެ 25,000 ކިއުބިކް މީޓަރު ފުންކުރުމުގެ މަސައްކަތާ 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާ 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތާ އަދި 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން މަގުބައްތިއާ ނެރުބައްތި ހަރުކުރުމާ، 2 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް މި މަޝްރޫއުގެތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

45.1 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓިސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.