ޕެންޝަން އޮފީހުގެ ސީއީއޯ ޖޯން ގްރިންޑަލްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މަގާމުން ވަކިކުރި ހަބަރު އެ އޮފީސް ދޮގުކޮށްފިއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޕެންޝަން އޮފީހުގެ ސީއީއޯ ޖޯން މަގާމުން ވަކިކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުއަރާފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އައިޝަތު ފަޒުނާ ވިދާޅުވީ ސީއީއޯ ޖޯން މަގާމުން ވަކި ނުކުރާ ކަމަށެވެ. އަދި ސީއީއޯގެ ޖިންސީ ފުރައްސާރައިގެ މަސައްލައެއް ވެސް ހުށަހަޅާފައި ނުވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވަނީ އެފަދަ މައްސަލައެއް މީގެ ކުރިން ވެސް ހުށަހަޅާފައި ނުވާ ކަމަށް ފާހަގަ ކުރައްވާފައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ޖޯން އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޔޫކޭ އަށް ނިސްބަތްވާ ޖޯން އަކީ އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

އޭގެ އިތުރުން އޭނާ ވަނީ މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު ވެސް ފުރުއްވާފައެވެ.

މި މައްސަލައިގައި ފުލުހުން ބުނީ، އެކަން ބަލަމުން ދާ ކަމަށެވެ.