އިންގްލިޝް ޕްރިމިއާ ލީގު (އީޕީއެލް)ގައި ރޭ ކުޅުނު މެޗުތަކަށް ބަލާ އިރު ޓޮޓެންހަމް ވަނީ 1-0 އަކުން ވޮޓްފޯޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.
ރޭގެ މެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށް ދިނީ ހިއުންގްމިން ސޮންއެވެ. މިސީޒަންގައި އާމެނޭޖަރެއްގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމް ތާވަލުގެ އެއްވަނައަށް އެރީ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 9 ޕޮއިންޓާއެކުއެވެ.
އާދިއްތަ ދުވަހު ކުޅުނު އެހެން މެޗަކަށް ބަލާ އިރު މެންޗެސްޓާ ޔުނައިޓެޑް ވަނީ 1-0 އަކުން ވުލްވްސް ބަލިކޮށްފައެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ވުލްވްސްއިން ވަނީ އުފައްދާފައެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހިޔާ ވަނީ މެޗުގައި ހުޝިޔާރު ކުޅުމެއް ދައްކާފައެވެ.
ދެވަނަ ހާފްގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގައި ޖެހި ހަމައެކަނި ޔުނައިޓެޑުން ޖެހީ މެޗުގެ 80 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް މޭސަން ގްރީންވުޑްއެވެ.
އިއްޔެ ކުޅުނު އަނެއް މެޗުގައި ލީޑްސް ޔުނައިޑެޓާ ބާންލީ ވާދަކުރި އިރު މިމެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ.