ރ. ކިނޮޅަހާއި ނ. ޅޮހީގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހެދި ކްލާސްރޫމުތަކުގެ މަސައްކަތް ނިންމައި މިއަދު ދިވެހި ސަރުކާރާ ހަވާލު ކޮށްފިއެވެ.
އިންޑިއާ ސަރުކާރުން 12 މިލިއަން ރުފިޔާ ހަރަދު ކޮށްގެން މި ކްލާސްރޫމުތައް ހަދަން ފެށީ މާޗު 2019 ގައެވެ.
މަސައްކަތްތައް ނިންމައި ކްލާސްރޫމްތައް ހަވާލު ކުރަން، ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު އަދި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ ޣަފޫރު ވިދާޅުވީ، ދެ ރަށުގައި އެޅި ކްލާސްރޫމުތަކުގެ ސަބަބުން އެއް ދަންފަޅިއަށް ކިޔަވައި ދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުމުގެ ފެންވަރާއި ކިޔެވުމުގައި ހޭދަކުރަނީ އުފާވެރި، ހިތްހަމަޖެހޭ ވަގުތުތަކަށް ހެދުމަށް ވަށާ ޖެހޭ ތައުލީމުގެ މުހިއްމުކަން ޣަފޫރު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ޅޮއްސާއި ކިނޮޅޮހު ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުވުމުން އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމަށް ފުރުސަތު ދެވޭނެއެވެ. އަދި މިފަދަ ބަދަލެއް އައުމަކީ ދަރިވަރުންގެ ވިސްނުން ފުޅާވެ، ތަފާތު އެކި ކަހަލަ ހުނަރާއި ޝައުގު ކުރިއަރުވައި، ތަރައްގީ ކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ކޮންމެ ސްކޫލެއްގައި 6 ކްލާސްރޫމް ހަދާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެއީ، 2019 ވަނަ އަހަރު އިންޑިއާ އިން ރާއްޖެއަށް ދިން 6.9 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.