އިންގްލިޝް ޕްރިމިއާ ލީގުގައި އިއްޔެ 7 މެޗު ކުޅުނު އިރު ރޭ ލިވަޕޫލާ ޗެލްސީ ވާދަކުރި މެޗު 1-1 އެއްވަރުވެއްޖެއެވެ.
ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޗެލްސީންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި އެޓީމުގެ ޒުވާން ފޯވަޑް ކައި ހަވޭޓްޒް ބޮލުން ޖަހާ ފޮނުވާލި މިލަނޑަކީ ހިތް ގައިމު ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަކީ ޗެލްސީގެ ގޯލަށް ވަންނަން ދިޔަ ބޯޅައެއް އެޓީމުގެ ޑިފެންޑަރު ރީސް ޖޭމްސް އަތުން ޖައްސާ ހުއްޓުވުމުން ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި އަތްލުމުން ޖޭމްސްއަށް ސީދާ ރަތް ކާޑެއް ދެއްކި އިރު ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް ދީފައެވެ.
މެޗުގެ ދެވަނަ ހާފް ޗެލްސީން 10 ކުޅުންތެރިންނާއެކު ކުޅުނު އިރު އެޓީމުން ވަނީ ލިވަޕޫލްގެ ގިނަ ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައެވެ. ހާއްސަކޮށް ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ މޮޅު ކުޅުމެއް ދެއްކި އިރު އޭނާ ވަނީ މެޗުގައި މުހިންމު 6 ސޭވެއް ކޮށްފައެވެ.
10 ކުޅުންތެރިންނާއެކު ކުޅުނު ޗެލްސީ އަތުން ލިވަލޫޕަށް ޕޮއިންޓެއް ލިބުނު އިރު އިއްޔެ ހަވީރު މެންޗެސްޓާ ސިޓީއާ އާސަނަލް ކުޅުނު މެޗުގައި އާސަނަލްގެ ކުޅުންތެރިއަކަށް ވެސް ސިދާ ރަތް ކާޑެއް ދެއްކިއެވެ. އާސަނަލްގެ ޖަކާއަށް ރަތް ކާޑު ދެއްކީ މެޗުގެ 35 ވަނަ މިނެޓްގައި އޭނާ ކުރި ނުރައްކާތެރި ފައުލަކަށެވެ.
ސިޓީގެ އިތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުން އާސަނަލް ވަނީ 5-0 އަކުން ބަލިވެފައެވެ. މެޗުގައި ސިޓީއަށް ލަނޑުތައް ޖަހާ ދިނީ ކެޕްޓަން ގުންޑުއާންގެ އިތުރުން، ފެރާން ޓޮރޭސް، ގްބްރިއަލް ހެސޫސް އަދި ރޮޑްރީއެވެ. މިމެޗުގައި ޓޮރޭސް ވަނީ ދެ ލަނޑު ޖަހާފައެވެ.
އިއްޔެގެ މެޗުން ބަލިވެ އާސަނަލް މިވަނީ ސީޒަންގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ ލީގު ތާވަލުގެ ފުލަށް ވެއްޓިފައެވެ.
ހޮނިހިރު ދުވަހު އިންގްލިޝް ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު އެސްޓަން ވިލާއާ ބްރެންޓްފޯޑް ވާދަކުރި މެޗު 1-1 ނިމުނު އިރު ނިއު ކާސަލްއާ ސައުތްހެމްޓަން ވާދަކުރި މެޗު ނިމުނީ 2-2 އަކުން އެއްވަރުވެގެންނެވެ. އިއްޔެ ވެސްޓް ހޭމްއާ ކްރިސްޓަން ޕެލަސް ބައްދަލުކުރި މެޗު ވެސް 2-2 އަކުން އެއްވަރުވީ އިރު ލެސްޓާ ވަނީ 2-1 އަކުން ނޯވިޗް ބަލިކޮށްފައެވެ.
ރޭ އެވަޓަންއާ ބްރައިޓަން ވާދަކުރި މެޗު އެވަޓަން ކާމިޔާބުކުރީ 2-0 އަކުންނެވެ.