މިދިޔަ ހަފްތާތެރޭ ކ. ރަސްފަރީ ފަރަށް އެރި ޕެނަމާގެ އާގު ބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ލިބޭނީ 100 މިލިއަން ރުފިޔާ ޑިޕޮސިޓްއެއް ބަހައްޓާފައިކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ފަރަށް އެރުމުގެ ހާދިސާއިން ލިބުނު ގެއްލުންތަކުގެ ބަދަލުގައި ދައްކަން ޖެހޭ ޖޫރިމަނާ އީޕީއޭއިން ކަނޑަނާޅަނީސް ބޯޓުގެ ވެރިން ބޯޓު ފުރުވާލަން އެދޭނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓްއެއް ދައްކަން ޖެހޭނެ ކަމަށެވެ.

މިަހުގެ 19 ވަނަ ދުވަހު ބޯޓު އެރި ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ތަނެކެވެ. ތިމާވެށީގެ ގާނޫނު ބުނާގޮތުން ފަރަށް ލިބޭ ގެއްލުންތަކަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނީ 100 މިލިއަން ރުފިޔާއިންއެވެ.

ބޯޓު ފުން ކުރުމަށް 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސްފައިވެއެވެ. އޭގެ އިތުރުން ބޯޓު ފުންކުރުމަށާއި ބޯޓު ފުންކުރާއިރު އެ ސަރަހައްދުގެ ވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދުބާއީއާއި މޮރިޝަސް އިން ވަނީ ހޯދައިފައެވެ.

އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު ޑްރިފްޓު ވެގެން ގޮސްކަމަށް މިމަހުގެ 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ ވަނީ ވިދާޅުވެފައެވެ. ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އެބަ އޮތްކަންވެސް ހަމަދު ވަނީ ފާހަގަ ކުރައްވާފައެވެ.