"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖު ވެގެން ދާނީ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެހެން ވިދާޅުވީ މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެންނެވެ.

އެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ޝާހިދު ވިދާޅުވީ، މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއް ކަމަށެވެ.

އިންޑިއާގެ މާލީ އެހީއާއެކު އަޅާ އެ ބްރިޖަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވާ، ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާ، ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެއާ ގުޅިފައިވާ، ބިޔަ މަޝްރޫއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ، އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް ވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޝާހިދުގެ މެސެޖާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީގެ ބައިވެރިޔަކަށްވުމީ އިންޑިއާއަށް ލިބޭ ފަހުރެއް ކަމަށާއި، ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން އިސްކަން ދޭނެ ކަމަށެވެ.

ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗާއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެއެވެ.

500 މިލިއަން ޑޮލަރުގެ އެ މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.