މިއަހަރު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކްސްގައި ވާދަކުރުމަށް ޖަޕާނަށް ގޮސްތިބި ރާއްޖޭގެ ޕެރަލިމްޕިކްސް އެތުލީޓުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ޖަޕާނުގައި ތިބި ދިވެހި ޓީމުގެ ހުރިހާ ޑެލިގޭޓުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވާފައެވެ. ޓީމުގެ ޑެލިގޭޓުންނާ މުހާތަބުކުރައްވަމުން ޝާހިދު ވިދާޅުވެފައިވަނީ މިއީ މި މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ވުމާއެކު، މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުރިހާ އެތުލީޓުންގެ ނަންވެސް ދިވެހި ތާރީހުގައި ލިޔެވިގެންދާނެ ކަމަށެވެ.

އަދި މި މުބާރާތުގައި ތަމްސީލުކުރާ ދިވެހި އެތުލީޓުން މުބާރާތުގައި ވާދަކުރުމަކީވެސް އޭގެ ޒާތުގައި ގައުމަށް ހޯދައިދޭ ރަން މެޑަލެއްކަމުގައި ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

ޕެރަލިމްޕިކްސް ދުވުމުގެ އިވެންޓުގައި ވާދަކުރާ ދިވެހި ދެ އެތުލީޓުން ކަމުގައިވާ މުހައްމަދު މާޒިންއާއި ފާތިމަތު އިބްރާހީމަށް ހިތްވަރުދެއްވާ ޝުކުރުއަދާކުރުމަށް ފަހު ޝާހިދު ވިދާޅުވެފައިވަނީ ދުވުމުގެ ރޭހުގައި ވާދަކުރާ ދުވަހު، ދެ އެތުލީޓުންނަށް ހިއްވަރުދީ، އަދި ކާމިޔާބީއަށް އެދި ހެޔޮ ދުޢާކުރުމުގައި މުޅި ދިވެހި ގައުމުގެ ކުދިބޮޑު އެންމެހާ ރައްޔިތުންވެސް އެވަގުތު ދަނޑުގައި ތިބިކަމަށް ދެކިގެން، ހިތްވަރާއެކު، އިވެންޓުގައި ގައުމު ތަމްސީލުކޮށް ދިނުމަށެވެ.

ޓީމުގައި ހިމެނޭ އޮފިޝަލުން ބުނީ މުބާރާތަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާ ކުޅުންތެރިންނާއި އޮފިޝަލުން ޝުކުރުއަދާކުރާ ކަމަށެވެ.