ބަރުލަމާނީ ނިޒާމު ގެންނަން ޕާޓީގެ ބައެއް މެމްބަރުން ސޮއިކުރަމުން ދާ ޕެޓިޝަނަކީ އެމްޑީޕީގެ އެއްވެސް ގުނަވަނަކުން ނިންމައިގެން ކުރަމުން ދާ މަސައްކަތެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރަސްމީކޮށް އެމްޑީޕީން މަސައްކަތް ކުރާނަމަ އެއަށް ވުރެ ވަރުގަދައަށް އެކަން ކުރާނެ ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީ ތެރެއިން މެމްބަރުންތަކެއް ބޭނުންވެގެން ކުރާ ކަމެއް ކަމަށާއި އެކަމުގައި ޕާޓީގެ އެންޑޯސްމެންޓެއް ނޯންނާނެ ކަމަށެވެ. އެ ޕެޓިޝަނަކީ އެންޖީއޯ އަކުން އިސް ނަގައިގެން ސޮއިކުރަމުން ގެންދާ ޕެޓިޝަނެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ހަރުގޭގައި ޕެޓިޝަނުގެ މަސައްކަތްތައް ކުރަމުން ދާތީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ގިނަ މެމްބަރުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ހަސަން ވިދާޅުވީ ޕެޓިޝަނުގެ މަސައްކަތް އެމްޑީޕީގެ އޮފީސް ތެރޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި ހަރުގެ އަކީ ހުރިހާ މެމްބަރުންނަށް ވެސް ބޭނުން ކުރެވޭނެ ތަނެއް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް މިކަމުގެ ތެރޭގައި އުޅޭކަން. އެކަމަކު ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީއަކުން އެންޑޯޒެއް ނުކުރޭ. އެމްޑީޕީން އެންޑޯޒް ކޮށްގެން ކުރާނަމަ މިއަށްވުރެ ސާފުކޮށް، މިއަށްވުރެ ރަނގަޅަށް ކުރާނެ. އެހެންވީމާ މިއީ އެއްގޮތަކަށްވެސް އެމްޑީޕީގެ މެމްބަރެއް ނޫން. އަޅުގަނޑަށް އެނގޭ ގިނަ މެމްބަރުންތަކެއް ބައިވެރިވެގެން އުޅޭކަން،"
އެމްޑީޕީގެ ހަސަން ލަތީފް

ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ހުށަހަޅާ ޕެޓިޝަނަކީ އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނެކެވެ. އެ ޕެޓިޝަން ފެށީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ޕެޓިޝަނުގައި ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއި ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.