އިންގްލިޝް ޕްރިމިއާ ލީގު (އީޕީއެލް) ގެ ދެވަނަ ހަފްތާގެ މެޗުތައް އިއްޔެ ވެސް ކުޅުނު އިރު ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް އާސަނަލް ބަލިވެއްޖެއެވެ.
ލީގު ފެށި މެޗުގައި އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުން ބަލިވި އާސަނަލް ރޭ ބަލިވީ ޗެލްސީއާ ވާދަކޮށް 2-0 އަކުންނެވެ.
މިމެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިސީޒަންގައި އަލަށް އެޓީމާ ގުޅުނު ފޯވަޑް ރޮމަލޫ ލުކާކޫއެވެ. މިއީ މީގެ 10 އަހަރުކުރިން ޗެލްސީއަށް ކުޅުނު ލުކާކޫ އެޓީމަށް ޖަހާދިން ފުރަތަމަ ލަނޑެވެ. 2011 ވަނަ އަހަރުން 2014 ވަނަ އަހަރަށް އޭނާ ޗެލްސީއަށް ކުޅުނު އިރު ޗެލްސީގެ ޖާޒީގައި ލުކާކޫ ފެނުނީ އެންމެ 15 ފަހަރެވެ.
މިމެޗުގައި ޗެލްސީގެ ދެވަނަ ލަނޑު ޖެހީ ޑިފެންޑަރު ރީސް ޖޭމްސެވެ. ފުރަތަމަ ދެމެޗުން ބަލިވުމުން އާސަނަލްގެ ކޯޗު މިކެލް އާޓެޓާއަށް އިތުރު ފިއްތުންތައް އަންނާނެ ކަމަށް ބެލެވެއެވެ.
އާސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި 5-1 އަކުން ލީޑްސް ބަލިކުރި މެންޗެސްޓާ ޔުނައިޓެޑް ރޭ ސައުތްހެމްޓަންއާ ވާދަ ކުރި މެޗު ނިމުނީ 1-1 އަކުން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑްއިން ގިނަ ފުރުސަތުތައް އުފެއްދި ނަމަވެސް މެޗުގެ 30 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ ސައުތްހެމްޓަންއިން ނެވެ.
ޔުނައިޓެޑް ވަނީ މެޗުގެ 55 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސްކޯ ހަމަހަމަ ކޮށްފައެވެ. މޭސަން ގްރީންވުޑް ޖެހި މިލަނޑަކީ ފްރާންސްގެ ޕޮގްބާގެ ޕާހަކުން ޖެހި ލަނޑެކެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު ޓޮޓެންހެމްއާ ވުލްވްސް ވާދަކުރި މެޗު ކާމިޔާބުކުރީ 1-0 އަކުން ޓޮޓެންހެމްއެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ ޓޮޓެންހަމްއަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މިޕެނަލްޓީ ކާމިޔާބުކޮށް ދިނީ ޑެލީ އަލީއެވެ.
ޕްރިމިއާ ލީގުގައި މިރޭ ވެސް މެޗެއް އޮތް އިރު މިމެޗުގައި ވާދަކުރާނީ ވެސްޓް ހޭމްއާ ލެސްޓާ ސިޓީއެވެ.