ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތު ކުރަން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ހެކި ބަލައި ނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމުގެ މަޖިލީހެކެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހަތަރު ހުށަހެޅުމެއް މިއަދު ވަނީ ހުށަހަޅާފައެވެ. ފުރަތަމަ ހުށަހެޅުމަކީ ދައުލަތުން ހުށަހަޅާފައިވާ ގިނަ ހެކިތައް ޝަރީއަތަށް ބަލައި ނުގަތުމެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ހެކިބަސް ނުނެގޭނެ ކަމަށް ހުށައެޅިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑީގައި ވަނީ އެ ދެ ބޭފުޅުން ކަމަށާއި އެ ދެ ބޭފުޅުންނަކީ ދައުވާ ލިބޭ ފަރާތަށް "ހެކި ދިނުމަށް އުފައްދާފައިވާ މެޝިންތަކެއް" ކަމަށް ވުން ކަމަށް ބުނެއެވެ.

މީގެ އިތުރުން ވެސް އިތުރު ޝަފަހީ ހެކިތަކާއި ކިތާބީ ހެކިން ބަލައި ނުގަތުމަށް އެދުނެވެ. އެގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ޝަފަހީ ހެކިންނަކީ މި މައްސަލަ އާ ގުޅުމެއް އޮތް ބައެއް ނޫން ކަމަށާއި ބައެއް މީހުންގެ ބަޔާނުގައި ދައުވާ ލިބޭ، ރައީސް ޔާމީންގެ ނަންފުޅު ވެސް ބުނެފައި ނުވާކަމަށް ދިފާއުން ވަނީ ބުނެފައެވެ.

އަދި ކިތާބީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ބޭންކް ރިސިޕްޓްތަކާއި ރ. ފުއްގިރި ކުއްޔަށް ދިނުމަށް މުއާމަލާތް ކޮށްފައިވާ ބައެއް ލިޔެކިޔުންތައް ހެކީގެ ގޮތުގައި ހިމެނޭ އިރު އެއީ ރަނގަޅު މުއާމަލާތްތަކެއް ކޮށްފައި ހުރި ލިޔުންތަކެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ. އެހެންކަމުން އެ ލިޔުންތަކާއި ބެންކް ރިސިޕްޓްތައް ހެކީގެ ގޮތުގައި ހުށަނޭޅޭނެ ކަމަށް ވެސް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ ގަޒިއްޔާ ނިމުނު ގޮތުގެ ލިޔުން ހެކީގެ ގޮތުގައި ހުށަހަޅާފައި ވާއިރު އެއީ ރައީސް ޔާމީން ބަދުނާމު ކުރަން ހުށަހަޅާފައިވާ ހެއްކެއް ކަމަށް ދިފާއީ ވަކީލުން މިއަދު ވަނީ ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވަމުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ ޒިޔަތާއި އަދީބު ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އެ ދެ ބޭފުޅުން ޝާމިލްވެފައި ވާތީ ކަމަށެވެ. އަދި ހެކިވެރިންގެ ގޮތުގައި ހުށަހެޅޭނީ ކަން ހިނގައި ދިޔަ ގޮތް އެނގޭ މީހުން ކަމަށާއި މަގުމަތިން ހިނގާފައި ދާ މީހަކު ހެކިންގެ ގޮތުގައި ހުށަނޭޅޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ދެން ހުށަހަޅާވާފައި ވަނީ ދައުލަތުން ދައުވާ ފޯމު ހުށަހެޅިއިރު އޭގައި ކުށެއް އޮތް ކަމަށް ބުނެ ދެވަނަ ފަހަރަށް ފޯމު ހުށަހެޅިއިރު ތިން ކިތާބީ ހެއްކެއް އިތުރުކޮށްފައިވާ ތާތީ ދައުލަތުން އަލުން އެ ފޯމު ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު އެމްއެމްޕީއާރްސީއާ ގުޅޭ ގޮތުން ހިންގި ބޮޑު ތަހުގީގުގެ ރިޕޯޓްގައި ހިމެނޭ ލިޔެކިޔުންތައް ހޯދުމަށް ވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ ފުލުހުން ބަޔާން ނަގާ މީހުންގެ މައުލޫމާތު ދައުވާ ލިބޭ ފަރާތަށް އެނގެން ނުޖެހޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވެސް ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ މޯބައިލް ފޮރެންސިކް އެނެކްސްތައް ރައްކާތެރި ކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅިއެވެ. އޭގައި ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އެ ހެކިތައް ރައްކާތެރި ކޮށްދިނުމަށް ހުށަހެޅީ އިތުރުން ތިން އިދާރާއަކުން ތަހުގީގު ކުރާ މައްސަލަކަށް ބޭނުންވާ މައުލޫމާތުތައް އޭގައި ހުރުމުން ކަމަށާއި އެހެންކަމުން އެ ތަހުގީގުތަކަށް ހުރަސް އެޅިދާނެތީ ކަމަށެވެ. އެ މައުލޫމާތު ޝަރީއަތް ކުރިއަށް ދާއިރު ހާމަ ކުރުމަށް ވެސް ވަނީ އެދިފައެވެ.

މިކަމަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައި ވަނީ އެގޮތަށް ނިންމައިފިނަމަ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ. ދިފާއުވުމަށް ވެސް ހުރަސް އެޅިގެންދާނެ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް 86 ހެއްކެއް ވަނީ ހުށަހަޅާފައެވެ. ދައުވާއިން ދިފާއު ވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން 30 ހެއްކެއް ވަނީ ހުށަހަޅާފައެވެ. އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތަކަށް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް މިއަދު ހުށަހެޅުނު ކަންކަމަށް ގޮތެއް ނިންމާނީ ދެން އޮންނަ މަޖިލީހެއްގައި ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ޔާމީންގެ މައްޗަށް މިޙާރު އުފުލާފައި އޮތް ދެ ދައުވާއަށް ވެސް އިންކާރު ކުރާއިރު، ޔާމީން ރ. ފުއްގިރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ދައުލަތުން ބުނަ 1،118،000 ޑޮލަރާއި އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުގެ ފަރާތުން ޝަރީއަތުގައި އެދިފައި ވެއެވެ. މި ކަމާ މެދު ޝަރީއަތުން ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމަކާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފަައެވެ.

މިދިޔަ އެޕްރީލް މަހު 29 ވަނަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައިވާއިރު ރައީސް ޔާމީން ވަގުތީ ގޮތުން ގެޔަށް ބަދަލުކޮށްފައި ވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އާއި ގިނަ އަދަދެއްގެ ޖަލު އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.