އިންގްލިޝް ޕްރިމިއާ ލީގު (އީޕީއެލް) ގައި އިއްޔެ ވެސް ގިނަ މެޗުތަކެއް ކުޅުނު އިރު ލިވަޕޫލާއި ސިޓީން ކުޅުނު ދެމެޗު ވެސް ދެ ޓީމުން ކާމިޔާބުކޮށްފިއެވެ.
މިގޮތުން، ލިވަޕޫލް ވަނީ ބާންލީއާ ވާދަކޮށް 2-0 އަކުން އެމެޗު ކާމިޔާބުކޮށްފައެވެ. ކޮވިޑްގެ ސަބަބުން އިނގިރޭސިވިލާތުގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ފަހު ލިވަޕޫލްގެ ދަނޑު އެންފީލްޑް ގާތް ގަނޑަކަށް ފުރާލައިގެން ކުޅުނު މިމެޗުގައި ލިވަޕޫލަށް ލަނޑުތައް ޖަހާ ދިނީ ޑިއާގޯ ޖޮޓާއާ ސާޑިއޯ މާނޭއެވެ.
މިމެޗުގައި ބާންލީއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު އިރު މެޗުގައި އެޓީމުން ވަނީ ވަރުގަދަ ފައުލުތަކެއްކޮށްފައެވެ. މިކަމުގެ ސަބަބުން މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ކްލޮޕް ބުނީ މެޗުގައި ބާންލީގެ ފަރާތުން ފެނުނު ފައުލްތަކަށް ބަލާ ހީވަނީ ރެސްލިންގް މެޗެއް ބަލާހެން ކަމަށާ މިކަމުގެ ސަބަބުން ފުޓްބޯޅަ ދިހައެއް ނުވަތަ ފަނަރަ އަހަރު ފަހަތަށް ޖެހޭނެ ކަމަށެވެ.
އިއްޔެގެ މެޗުން ލިވަޕޫލް މޮޅުވި އިރު މިދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ 5-0 އަކުން ނޯވިޗް ބަލިކޮށްފައެވެ.
އެޓީމުގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ހެސޫސްގެ ފަރާތުން އިއްޔެ މޮޅު ކުޅުމެއް ފެނުނު އިރު މެޗުގައި ސިޓީން ޖެހި ފުރަތަމަ ލަނޑަކީ ނޯވިޗްގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ސިޓީއަށް ދެން ލަނޑު ޖަހާ ދިނީ އަލަށް ގުޅުނު ޖެކް ގްރީލިޝް، ޑިފެންޑަރު އެމްރިކް ލަޕޯޓް، އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގް، އަދި އަލްޖީރިއާގެ ތަރި ރިޔާޒް މަހްރޭޒްއެވެ.
ހޮނިހިރު ދުވަހު ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު އެސްޓަން ވިލާއިން ވަނީ 2-0 އަކުން ނިއުކާސަލް ބަލިކޮށްފައެވެ. އަދި ކްރިސްޓަލް ޕެލެސްއާ ބްރެންޓްފޯޑް ބައްދަލުކުރި މެޗު 0-0 އަކުން އެއްވަރުވި އިރު ލީޑްސްއާ އެވަޓާން ބައްދަލުކުރި މެޗު އެއްވަރުވީ 2-2 އަކުންނެވެ. މީގެ އިތުރުން ބްރައިޓަން ވަނީ 2-0 އަކުން ވޮޓްފޯޑްގެ މައްޗަށް ކުރި ހޯދާފައެވެ.