ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އޮންނަ ފަޅުތެރެއިން އެކްސްކަވޭޓަރު ބޭނުން ކޮށްގެން ވެލި ނަގައިގެން އިތުރަށް ހިއްކަމުން ދާތީ އެ މައްސަލަ ބެލުމަށް ސަރުކާރުގެ ޓީމެއް އއ. ރަސްދުއަށް ދާގޮތަށް ހަމަޖައްސައިފިއެވެ.
މިމައްސަލައާ ގުޅިގެން އއ. ރަސްދޫ ކައުންސިލުންނާއި އއ. އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އެމައްސަލަ ބެލުމަށް އަންނަ އާދީއްތަ ދުވަހު ރަސްދުއަށް ދަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމެކެވެ.
ފަޅު ހިއްކާ މަޝްރޫއު މަޑުޖައްސާލަން އީޕީއޭ އިން މިމަހުގެ ތެރޭގައި ވަނީ އެ ރިސޯޓު ދީފައި އޮންނަ ކްރައުން ކޮމްޕެނީއަށް އަންގާފައެވެ.
މަޑިވަރު ފަޅަށް ގެއްލުން ވާތީ އެކަމާ ދެކޮޅަށް ރަސްދޫގެ ބައެއް މީހުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ފަޅު މުހިންމީ ހަމައެކަނި ރަސްދޫ ރައްޔިތުންނަށް ނޫން ކަމަށާއި މުޅި ޓޫރިޒަމް ސިނާއަތަށް ވެސް މުހިންމު ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި އެ މަޝްރޫއު ހުއްޓާލުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
ވެލިގަނޑު ރިސޯޓުން ފަޅު ހިއްކުމުގެ މަސައްކަތް ފެށީ އެ ރިސޯޓުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކަމަށް ބުނެއެވެ. އަދި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭނެ ތަންތަން އިމާރާތް ކުރުންވެސް ހިމެނޭކަމަށް ބުނެއެވެ.
މަޑިވަރު ފަޅުގެ ސަރަހައްދަކީ އޮކްޓޯބަރު 7، 2018 ގައި ހިމާޔަތް ކޮށްފައި ވާ ތަނެކެވެ.