އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގެ ފަޅު ހިއްކާ މަޝްރޫއު މަޑުޖައްސާލަން އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
އީޕީއޭއިން އެހެން އަންގާފައި ވަނީ އެ މަޝްރޫގެ ތެރެއިން ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުން ވާތީ ރަސްދޫގެ ކައުންސިލާއި އެ ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާއި އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ވެލިގަނޑު ރިސޯޓުގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން ރިޒޯޓުގެ ފަޅުން ބޭރަށް ސެޑިމެންޓް ޕްލޫމް ދަތުރުކޮށް، ކައިރީގައިވާ ފަރުތަކަށް ސެޑިމެންޓްގެ އަސަރު ފޯރާފައިވާކަމުގެ ޝަކުވާތައް އެ އޭޖެންސީއަށް ލިބިފައިވާ ކަމަށެވެ.
އެ ސެޑިމެންޓްގެ އަސަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާ، މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލަން އަންގާފައިވާ ކަމަށެވެ. އަދި، ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު، އެމައްސަލަ ބަލަމުން އަންނަކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފައެވެ.
މަޑިވަރު ފަޅަށް ގެއްލުން ވާތީ އެކަމާ ދެކޮޅަށް ރަސްދޫގެ ބައެއް މީހުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
އަދި ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން އެ ފަޅު މުހިންމީ ހަމައެކަނި ރަސްދޫ ރައްޔިތުންނަކަށް ނޫން ކަމަށާއި މުޅި ޓޫރިޒަމް ސިނާއަތަށް ވެސް މުހިންމު ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި އެ މަޝްރޫއު ހުއްޓާލުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
ވެލިގަނޑު ރިސޯޓުން ފަޅު ހިއްކާ މަޝްރޫއު ފަށާފައި ވަނީ އެ ރިސޯޓުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކަމަށް ބުނެއެވެ. އަދި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭނެ ތަންތަން އިމާރާތް ކުރުންވެސް ހިމެނޭކަމަށް ބުނެއެވެ.
މަޑިވަރު ފަޅުގެ ސަރަހައްދު ހިމާޔަތްކޮށްފައި ވަނީ އޮކްޓޯބަރު 7، 2018 ގައެވެ.