ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ވެރިކަމުގައި ކުރީން އޮތް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ 6 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް އުފުލާފައެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދާފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

ނިހާނަށް ކުރާ 6 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ.

ދައުވާ އުފުލުމަށް ފަހު އެ މައްސަލަތަކުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދުމުން ގާޒީ އަލީ އާދަމް ވަނީ، ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައެވެ. ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށައިގެން ކުރިއަށް ދާ އިރު، ނިހާންގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

ނިހާނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ރޮލެކްސް ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ ވިޔަފާރިވެރިޔާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.