އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ސަގާފަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެ ޓްވީޓަށް ޖަވާބުދެމުން މޯދީ ވަނީ ރައީސްއަށް ޝުކުރު ދަންނަވައިފައެވެ. އަދި ރާއްޖެއަކީ އިންޑިއާއާ ކަނޑުގެ ގޮތުން ގުޅިފައިވާ ވަރަށް މުހިންމު އަވައްޓެރި ގައުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަކީ ވަސީލަތްތައް ގާއިމް ވެފައިވާ ތަނަކަށް ހެދުމަށާއި، މި ރީޖަން އަކީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ސަރަހައްދަކަށް ހެދުމަށް އިންޑިއާއާ އެކުގައި މަސައްކަތް ކުރަމުން ދާ ބައިވެރިއެއްކަން ވެސް މޯދީ ކުރެއްވި ޓްވީޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންކަން ލިބުމުގެ މުނާސަބާއާ ގުޅުވައިގެންނެވެ. ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ދަނީ އިންޑިއާގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ.