އިންގްލިޝް ޕްރިމިއާ ލީގުގެ މިސީޒަންގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި 5-1 އަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށްފިއެވެ.
މެންޗެސްޓާގެ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގެ ލީޑު ނެގީ ވެސް އެޓީމުންނެވެ. މެޗުގެ 30 ވަނަ މިނެޓްގައި ޕޮޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފަނާންޑޭޒެވެ. މިލަނޑު އޭނާ ޖެހީ ފަރަންސޭސި މިޑްފީލްޑަރު ޕޯލް ޕޮގްބާ ދިން ޕާހަކުންނެވެ.
ފުރަތަމަ ހާފް ޔުނައިޓެޑް ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވެ ލީޑްސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ ހަމަހަމަކޮށްފައެވެ.
މެޗުގެ 48 ވަނަ މިނެޓްގައި އެޓީމުގެ ލޫކް އެއިލިންގް ޖަހާ ދިން މިލަނޑަކީ ދުރުން ފޮނުވާލި ހިތް ގައިމު ލަނޑެކެވެ.
އެހެން ނަމަވެސް އޭނގެ ކުޑަ އިރުކޮޅެއް ފަހުން ޔުނައިޓެޑުން ލަނޑެއް ޖަހާ އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް މޭސަން ގްރީންވުޑެވެ. މިލަނޑުގެ ވެސް މޭސްތިރިއަކީ ޕޮގްބާއެވެ.
މެޗުގައި ދެން ވެސް ލަނޑު ޖެހީ ޔުނައިޓެޑުންނެވެ. މެޗުގެ 54 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފޮގްބާގެ ޕާހަކުން ފަނާންޑޭޒެވެ.
މިމެޗުގައި ފަނާންޑޭޒް އިތުރު ލަނޑު ޖަހާ ހެޓްރިކް ހެދި އިރު މެޗުގައި ޔުނައިޑެޓުން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު އުފެއްދީ ޕޮގްބާއެވެ.
މެޗުގެ 68 ވަނަ މިނެޓްގައި ސްކޯ 5-1 އަކަށް ހެދީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑެވެ.
މެންޗެސްޓާގެ މިއަދު ހޯދި މޮޅަކީ ކުރިއަށް އޮތް ސީޒަނުގައި ތައްޓަށް ވާދަކުރާނެ ކަމަށް ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައި ބައެއް ޕަންޑިޓުން ވަނީ ސިފަކޮށްފައެވެ. އެޓީމު މިދިޔަ ސީޒަން ނިންމީ ތާވަލުގެ ދެވަނައިގައި އޮވެއެވެ.