އިންގްލިޝް ޕްރިމިއާ ލީގުގެ 2021/2022 ސީޒަން ރޭ ފަށާފައިވާ އިރު މިސީޒަންގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން އާސަނަލް ބަލިވެއްޖެއެވެ.

އާސަނަލް ބަލިވީ މިސީޒަންގައި އަލަށް ލީގަށް ޕްރޮމޯޓްވި ބްރެންޑްފޯޑްގެ އަތުން 2-0 އަކުންނެވެ.

74 އަހަރަށް ފަހު އިނގިރޭސިވިލާތުގެ އެންމެ މަތީ ލީގަށް ޕްރޮމޯޓުވި ބްރެންޑްފޯޑް ރޭގެ މެޗުގައި ވަނީ މޮޅު އަދި ވަރުގަދަ ކުޅުމެއް ދައްކާފައެވެ. މިގޮތުން، އެޓީމުން ވަނީ މެޗުގެ 22 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ޕްރިމިއާ ލީގުގެ އާ ސީޒަންގެ ފުރަތަމަ ލަނޑު ޖެހީ ބްރެންޓްފޯޑްގެ ސާޖީ ކާނޯސެވެ.

ބްރެންޓްފޯޑްގެ ފޯވަޑް ކާނޯސް ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ ފޮޓޯ: އީޕީއެލް ޓުވިޓާ

މިލަނޑަށް ފަހު ވެސް މޮޅެއް ކުޅެފައިވަނީ ބްރެންޑްފޯޑުންނެވެ. އަދި އާސަނަލްއަށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ފަދަ މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ޑިފެންސިވްކޮށް ވެސް މޮޅު ކުޅުމެއް ދައްކަމުން އައި ބްރެންޓްފޯޑް މެޗުގެ ނަތީޖާ ކަށަވަރުކުރީ މެޗު ނިމެން 17 މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 73 ވަނަ މިނެޓްގައި ކްރިސްޓިއަން ނޯގާޑެވެ.

އަލަށް ޕްރޮމޯޓުވި ޓީމެއްގެ އަތުން ފުރަތަމަ މެޗުން އާސަނަލް ބަލިވުމުން ޓީމުގެ ކޯޗު މިކެލް އާޓެޓާ މިވަނީ އަނެއްކާވެސް ޕްރެޝަރުގެ ތެރެއަށް ވެއްޓިފައެވެ.