ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ލަފާކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވަމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތް 3 ދުވަހު އިތުރަށް ގަދަވާނެ ކަމަށް ލަފާ ކުރެއެވެ.

މެޓް އޮފީހުން ބުނީ މިމަހުގެ 13 ،14 އަދި 15 ވަނަ ދުވަހު ރާއްޖޭގެ ސަރަހައްދުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި މި ދުވަސްތަކުގައި ބައެއް ސަރަހައްދު ތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބުނެއެވެ.

މެޓް އޮފީހުން ވަނީ އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރެއެވެ.

މިއަދުވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައިވެއެވެ. ގއ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދަށް ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު ފަހު 3:30 ގެ ނިޔަލަށެވެ.