ފިލްމީދާއިރާ ދޫކޮށް ބުރުގާއެޅި ބޮލީވުޑް ކުރީގެ މަޝްހޫރު ފިލްމީތަރި ސަނާ ހާން އޭނާގެ ފިރިމީހާ މުފްތީ އަނަސްއާއެކު މިއަދު ރާއްޖެއައިސްފިއެވެ.

ބ. އަތޮޅުގައި އޮންނަ ފިނޮޅު މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން އަންނަ ސަނާ ވަނީ އިންސްޓަގުރާމްގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި ރާއްޖެ އައިސް އެއާޕޯޓުގައި ހޭދަކުރި ވަގުތުތަކާއި އެއާ÷ޯޓުގައި ދެމީހުން ނަމާދުކުރާ މަންޒަރާއި އެއާޕޯޓުން ނިކުމެ ބަހަށް އަރާ މަންޒަރުގެ އިތުރުން ރިސޯޓަށް ދިއުމަށް ސީޕްލޭންއަށް އަރާމަންޒަރުވެސް ފެނެއެވެ.

ސީޕްލޭން އަށް އެރުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއްކަމަށް ސަނާ ހާން ހިއްސާކުރި ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ. ސަނާ ހާން އާއި މުފްތީ އަނަސް ޗުއްޓީ ހޭދަކުރަމުން ދަނީ ފިނޮޅު މޯލްޑިވްސްގެ ވޯޓާ ވިލާގައެވެ.

https://www.instagram.com/reel/CSUIaMeAbNK/?utm_source=ig_web_copy_link

މީގެ 10 މަސް ކުރިން ބުރުގާ އަޅާފައިވާ ސަނާ ފިލްމީދާއިރާ ދޫކޮށްލާފައިވަނީ އިންސާނިއްޔަތަށް ހިދުމަތްކުރުމގެ މަގްސަދުގައެވެ. ސަނާ ފިލްމީ ދާއިރާ ދޫކޮށްލުމަށްފަހު އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އިންސާނުން ދުނިޔެ އަށް އައުމުގެ މަޤްޞަދަކީ ފައިސާ އާއި މަޝްހޫރުކަމެއް ނޫނެވެ. ފައިސާ އާއި މުއްސަނދިކަން ހޯދަން އޭނާގެ އެއްވެސް ޝައުގުވެރި ކަމެއް މިހާރު ނެތް ކަމަށާއި ބޭނުން ވަނީ ހަމަހިމޭން ދީނީ ކަންކަމަށް ލޯބިކުރާ ދިރިއުޅުމެއް ހޯދަން ކަމަށް ސަނާ ބުނެފައިވެއެވެ.

ސަނާ ހާން މަޝްހޫރުވެފައިވަނީ "ޖެއިހޯ" "ވަޖާ ތުމް ހޯ" އަދި "ޓޮއިލެޓް: އެކް ޕްރޭމް ހަތާ" ފަދަ ފިލްމްތަކުންނެވެ. އުމުރުން 33 އަހަރުގެ ސަނާ ހާން ވަނީ 50 އަށްވުރެ ގިނަ ފިލްމް ކުޅެފައެވެ. ސަނާ އިސްލާމްދީނަށް ރުޖޫއަވުމުގައި އެންމެ ބޮޑަށް އެހީތެރިކަމެއް ދީފައިވަނީ އޭނާގެ ފިރިމީހާއެވެ. އަދި ސަނާހާން ވަނީ އެކަމަށް އޭނާގެ ފިރިމީހާއަށް ޝުކުރު އަދާކޮށް ޕޯސްޓެއްވެސް ކޮށްފައެވެ.