60 އަށްވުރެ ހިނަ ޕީއެސްއައިޕީ މަޝްރޫއާއި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ކުރިޔަށް ގެންދާ ގިނަ މަޝްރޫއުތައް ކުރިޔަށް ދާކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީގެ މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫސިޓީ ކައުންސިލް މެންބަރުންނާއެކު މިއަދު މެންދުރު ފަހު އޮންލައިން ކޮށް ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ އައްޑޫ ސިޓީކައުންސިލުން ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅޭ އެންްމެ ފަހުގެ ތަފްސީލުތައް ހިއްސާކުރައްވާ އެ ކަންކަމުގައި ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ވަނީ ސަރުކާރުން އައްޑޫގައި ގިނަ މަޝްރޫއުތަކެއް ފަށައިގެން ކުރިޔަށް ގެންދާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ވަނީ އެކި އެކި ހިދުމަތްތަކާ ގުޅޭ ގޮތުން އެ ކައުންސިލްގެ ކަންބޮޑުވުން ރައީސް އާ ހިއްސާ ކޮށްފައެވެ. އެގޮތުން ސިއްހީ ހިދުމަތާއި މަގުހެދުމާއި ބަނދަރު ހެދުން ފަދަ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތަކުގެ އިތުރުން އައްޑޫ ސިޓީގެ އިޖްތިމައީ ކުރިއެރުމަށް ބޭނުންވާ އެކި ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުންނާ އަދި އެކި މަޝްރޫއުތަކާ ހިދުމަތްތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފައެވެ. މި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހާއްސަކޮށް ލާމަރުކަޒީ ގާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށް ގެންދިއުމުގެ ޒިންމާ ސިޓީ ކައުންސިލަށް އޮތް ނަމަވެސް އެކަންކަން ކުރިޔަށް ގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގު ފަހިކޮށް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނަށް ދެއްވާފައެވެ. އަދި އައްޑޫ ސިޓީއަކީ އާބާދީ ބޮޑު ސަރަހައްދެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ސިޓީއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މި މަސައްކަތްތައް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.