ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލި ރިޒާގެ މައްޗަށް 2 ދައުވާއެއް އުފުލުމަށް ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހުށަހަޅައިފިއެވެ.
ރިޒާ ގެ މައްޗަށް ދައުވާ އުފުލުމަށް ޕީޖީ އިން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޓޫރިސްޓް ރިސޯތެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމުގައިވާ ބ. ބޮޑުފިނޮޅުގައި މަޖުބޫރީ ހާލަތުގައި ބިދޭސީން ލައްވައި މަސައްކަތްކުރުވާފައިވާ މައްސަލައިގައެވެ.
މި މައްސަލައިގައި ރިޒާގެ މައްޗަށް 2 ދައުވާއެއް އުފުލުމަށް ވަނީ ފޮނުވާފައެވެ. އެއީ ގާނޫނު ނަންބަރު: 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ހަވާލާދީ، 17 ވަނަ މާއްދާގެ (ނ) ގެ ދަށުން، މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ނަންބަރު: 09/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ ރިޒާގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހރުން ފެށިގެން އެކި ދުވަސްތަކުގެ މަތިން އާރްއައިއެކްސް ކުންފުނީގެ ސްޕޮންސާޝިޕްގެ ދށުން އެކި މަސައްކަތްތަކަށް ރާއްޖެ ގެނެސްފައިވާ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު މުސާރަނުދީ ބިރުދައްކައި ގާނޫނާ ހިލާފު މަޖުބޫރުކަމެއް ކުރިމަތިކުރުވައި އެމީހުން އެކްސްޕްލޮއިޓްކޮށް ޓްރެފިކްކޮށްފައިވާތީ ކަމަށެވެ.
އަދި އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅިކަމުގެ ދައުވާ އުފުލާފައިވަނީ މި މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައި ފާސް ކުރުމަށް ފުލުހުން ކުރި މަސައްކަތަށް ހުރަސް އަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މީގެ އިތުރުން ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރަށާއި ށ. މިލަންދޫ، ރެޑްރޯސް. ނަސްރުﷲ އުސްމާނުގެ މައްޗަށް ވަނީ ގާނޫނު ނަންބަރު: 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ހަވާލާދީ، 19 ވަނަ މާއްދާގެ (ށ) ގެ ދަށުން، މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ހަސަން އުމަރަށާ ނަސްރުﷲ އުސްމާނަށް މި ދައުވާ އުފުލާފައިވަނީ މީހުން ޓްރެފިކް ކުރުމުގައި މި ދެ މީހުން ބައިވެރިވެފައިވާތީއެވެ. އަދި މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 7 އަހަރުގެ ޖަލުހުކުމެއް ދެމީހުންނަށް އަންނާނެއެވެ.
ރިޒާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައިވާގޮތުން ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްތަކާ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، އެމަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށް، އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސްފައިވެއެވެ.
އަދި ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ގާނޫނާ ހިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައިފައިވާ ކަމަށާ އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ އަމަަލުތަކެއް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށެވެ.
މީގެއިތުރުން ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި މަސައްކަތްތެރީންގެ ޙައްޤުތަކާއި ގުޅުންހުރި އެހެން ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރީންގެ ހައްގުތައްތައް ނިގުޅައިގަނެފައިވާ ކަމަށް ވެސް ދައުލަތުން ރިޒާގެ މައްޗަށް އުފުލާ ދައުވާގައި ވެއެވެ.
ރިޒާގެ މައްޗަށް މި 2 ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލުހުކުމެއް އަންނާނެކަމަށް ޕީޖީ އިން ބުނެއެވެ.