ސަރުކާރަށް އަދުލު އިންސާފު ގާއިމު ކޮށެއް ނުދެވޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާއި ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ނުދާތީ އެކަމާ ޝަހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރިޒް ކުންފުނީގެ މައްޗަށް ތުހުމަތު ކުރާ ހިއުމަން ޓްރެފިކިންގެ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. މިމައްސަލާގައި މިހާތަނަށް އަދި ވަކިގޮތެއް ޕީޖީ ނިންމާފައި ނުވެއެވެ.

ލިޔެކިއުމެއް ނެތުމާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ބަލަން ފެށީ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނުކުމެ އެ ރަށުގައި ތިބި ދިވެހިންތަކެއް ރަހީނުކޮށް ބޮޑެތި ހަމަނުޖެހުންތައް ހިނގައި ފުލުހުންނާ ވެސް ކުރިމަތިލި ހާދިސާތަކަކަށް ފަހުއެވެ.

މިމައްސަލަ ކުރިއަށްނުދަތީ ކަންބޮޑުވުންފާޅު ކުރައްވާ ޝަހީމް ވިދާޅުވީ އިންސާފު އޮންނަނީ ރައީސް ޔާމީނަށް އެކަނި ކަމަށާއި މި ސަރުކާރުގެ އެންމެ ބޮޑު އުނިކަމަކީ އަދުލުއިންސާފުގައި ތަފާތު ކުރުން ކަމަށެވެ.

"އަލީ ރިޒާ އަކީވެސް ކޯޓް ކޭސްތަކެއް އޮތް ބޭފުޅެއް. އެކަމަކު އެކަމެއް ނުހިނގާ. މި ބޭފުޅުން ތިއްބަވަނީ ސަނާ ކިޔައިގެން"
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރެވޭ ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ފުލުހުން އެއިރު ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް ހަ މަސްވަންދެން މުސާރަ ނުދޭ މައްސަލައެއްވެސް ފެންމަތިވެފައިވާއިރު، ބޮޑުފިނޮޅުގައި ގެންގުޅުނު ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް އެމީހުންނާމެދު ހިންގާފައިވާކަން ފުލުހުން ވަނީ ބުނެފައެވެ.

ބިދޭސީން އެރަށަށް ގެންގޮސް އެމީހުން ލައްވާ މަސައްކަތްކުރުވި ރިޒް ކުންފުނިން މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާއިރު، ބިދޭސީންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ ކަން ވެސް ވަނީ ހާމަވެފައެވެ. އޭގެ އިތުރުން އެ ބިދޭސީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބެލެވޭނެ ކަންކަން ކޮށްފައިވާ ކަމަށާއި އެކަމުގެ ތުހުމަތު ރިޒް ކުންފުނީގެ މައްޗަށް ކުރެވޭކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވެ، ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެކޮށްފައިވަނީ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުންނެވެ. އެނގިފައިވާ ގޮތުގައި އެރަށުގައި މަސައްކަތްކުރުމަށް ރިޒް ކުންފުނިން ސަބް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ބިދޭސީންތަކެއް ރާއްޖެ އެތެރެކޮށްފައިވެއެވެ.