ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އިންތިހާބުކޮށްފި އެވެ.

އެ ކޮމިޝަންގެ ރައީސް ކަމަށް ރިޒާ އިންތިހާބު ކުރިއިރު އޭނާއަކީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަވާ މެންބަރެވެ.

ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެ ކޮމިޝަންގެ މެމްބަރުންގެ ވޯޓަކުން ކަމަށްވާއިރު ރިޒާ އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ މިއަދުއެވެ. މީގެ ކުރިން ޖޭއެސްސީގެ ރައީސް ކަމުގައި ހުންނެވީ މަޖިލީހުން އެ ކޮމިޝަނަށް ކުރިން ކަނޑައަޅާފައި ހުންނެވި ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިނެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިތުރުން ބަންޑާރަ ނައިބާއި ރައީސް ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެއް ވެސް އިންނަވާއިރު ރިޒާއަކީ މީގެ ކުރިން ކޯޓުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

އަދި އޭނާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގުރައިދޫ ދާއިރާ ތަމްސީލްކުރައްވަމުންދަނިކޮށް އަވާހަރަވެވަޑައިގެން އިބްރާހިމް ރިޒާގެ ކޮއްކޯފުޅަށްވާއިރު އެ ދައުރުގައި މަޖިލީހުގެ ފަރާތުން ޖޭއެސްސީގެ މެންބަރުކަން ކުރެއްވީ ވެސް އިބްރާހީމް ރިޒާއެވެ.