ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ދައުވާކުރާ އަހްމަދު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައިވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

މިމައްސަލައިގައި ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. އަދި މި ފަހުން ތާވަލް ކުރި ފަސް އަޑުއެހުންވެސް ވަނީ ކްރިކް ރިޒާ ބަލިވެ އުޅޭތީ ކަމަށް ބުނެ ކެންސަލް ކޮށްފައެވެ.

ޕީޖީން މިއަދު ބުނީ ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާއި ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. އަދި ކުރިކް ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށް ޕީޖީން ބުންޏެވެ.

ކުރިކްގެ ބައިގައި ދިމާވި މި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން އޮތީ ބަންދުވެފައި ކަމަށްވެސް ޕީޖީން ބުންޏެވެ.

އެހެންކަމުން މި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށް ވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާއި ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނާތީއާއި, ކުރިކް ހުށަހެޅި ހެކިތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, ކުރިކްގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައި ދިނުމަށް ދަންނަވާފައިވާ ކަމަށް ޕީޖީން ބުނެފައި ވެއެވެ.

އަދި ކްރިކް ރިޒާގެ ބައި އަނބުރާ ގެންނަނީ މިވަގުތަށް މަޑުޖައްސާލުމަށް ކަަމަށާއި ހާލަތު ބަދަލުވުމުން ސާފުކުރަންޖެހޭ ކަންކަން ސާފުވުމުން އަލުން ދައުވާ ކުރިއަށް ގެންދާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީންއަށްކޮށްފައިވާ ހުކުމް އަވަސްކޮށް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުން ވެސް ވަނީ ހައިކޯޓުގައި އެދިފައެވެ. ނަމަވެސް ވ. އާރަށް މައްސަލައިގައި ރައީސް ޔާމީނަށްކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލައިގެ އިއްޔެގެ އަޑުއެހުން ހައިކޯޓުގެ ފަނޑިޔާރަކު އާއިލީ ޒިންމާ ޗުއްޓީގައި ހުންނެވުމުން ވަނީ ކެންސަލްކޮށްފައެވެ.