ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ފަސް ކުންފުނީގެ ޖުމްލަ ދަރަނި 67 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފްއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް އޮތްއިރު ގަވާއިދުން މާލީ ރިޕޯޓް އާއްމުކުރަން މަޖުބޫރުވާ ގޮތަށް ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވަނީ ފަސް ކުންފުންޏެއް ކަމަށެވެ.

އައިއެފްއެމް އިން ވަނީ މި ކުންފުނިތަކުގެ މާލީ ރިޕޯޓު ދިރާސާކޮށްފައެވެ. އައިއެމްއެފުން ބުނެފައިވާ ގޮތުގައި މި ކުންފުނިތަކުގެ ޖުމްލަ އެސެޓުގެ އަގަކީ 113 ބިލިއަން ރުފިޔާއެވެ. އަދި މީގެތެރެއިން ދަރަނީގެ ނިސްބަތަކީ 67 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 84 ޕަސެންޓެވެ.

ކޮވިޑްއާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވެ އާމްދަނީ ލިބެމުން ދިޔަ ޓޫރިޒަމް ހުއްޓި މިހާރު ރާއްޖެ މިދަނީ މާލީ ގޮތުން ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.