ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް މަސްތަކެއްގައި ދަތި އުނދަގޫ ގޮތްގޮތަށް އުޅުމަށް ފަހު ގައުމު އާންމު ހާލަތަކަށް ގެންދެވެން އޮތީ ކޮވިޑް ބަލިން ދިފާއުވުމަށް ވެކްސިން ޖަހައިގެން ކަމަށެވެ. އަދި އާއިލާތަކާ ބައްދަލުވެ މަސައްކަތްތައް އަލުން ނިކުމެ ވިޔަފާރިތައް ވެސް ފެށެން އޮތީ ވެކްސިން ޖަހައިގެން ކަން ފާހަގަ ކުރައްވާ ރައީސް ވަނީ އެންމެން ވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވަނީ ވީއެންމެ އަވަކަށް އެންމެން ވެސް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީސީއާރްޓެސްޓް ހަދަން ކޮންމެ ފަހަރަކު ސާމްޕަލް ދިނުމަކީ އުދަގޫކަމެއް އަދި ހަރަދެއް ހިގާކަމެއް ކަމަށާއި އެކަންނުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުކުރެވެން އޮތީ ގިނަބަޔަކު ވެކްސިން ޖެހުމުން ކަމަށެވެ.

ޕީސީއާރްޓެސްޓް ހަދަން ކޮންމެ ފަހަރަކު ސާމްޕަލްދިނުމަކީ އުދަގޫކަމެއް އަދި ހަރަދެއް ހިގާކަމެއް. އެކަންނުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުކުރެވެން އޮތީ ގިނަބަޔަކު ވެކްސިން ޖެހުމުން. ޤައުމީ ކަމެއްކަމަށް ދަނެގެން އެންމެންވެސް ވެކްސިން ޖަހަމާތޯ؟ އަޅުގަނޑު 2 ޑޯޒް ޖަހައިފިން.
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވެކްސިންޖެހޭ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށާއި ކުރީގެ ހާލަތަށް ދިޔުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އެގޮތުން އެ ހާލަތަށް ދިޔުމަށް ވެކްސިން ޖަހާ، އެކަމުގެ ހުރި މުހިއްމުކަން އެހެން މީހުންނަށް ބުނެދިނުމަށް ބާރު އެޅުމަށް މަބްރޫކް އިލްތިމާސް ކުރެއްވިއެވެ.

މިއަދުން ފެށިގެން މާލޭ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭން ނިންމާފައިވާއިރު، އެ ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގަން ޖެހެއެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ ހަ ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

އެސްޓްރާޒެނިކާ ވެކްސިން ދެމުން ދަނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒުގެ ގޮތުގައިއެވެ. ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރާޒެނިކާ ވެކްސިން ދެނީ ކޮވިޝީލްގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށެވެ.

އަތޮޅުތެރޭގައި އެސްޓްރާޒެނިކާ ވެކްސިން ދޭން މިހާރު ވަނީ ފަށާފައެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސަންޓަށް ވެކްސިން ދިނުން ކަމަށް އެޗްޕީއިން ބުނެއެވެ.