މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯގެ "ކުއާޓަލީ ރިޕޯޓު" ގައި ބުނާ ގޮތުން، ދެވަނަ ކުއާޓާގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ ކުއާޓާތަކުގައި ލިބުނު އާމްދަނީއަށް ވުރެ އިތުރު އަދަދެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބުނީ 2.1 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ އެއްވެސް ކުއާޓާއެއްގައި ލިބުނު އާމްދަނީ ދެ ބިލިއަނަށް އަރާފައެއް ނުވެއެވެ.

އަދި ހަރަދުތަކާއި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބުނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 109 މިލިއަން ރުފިޔާއެވެ.

މި ކުއާޓާގައި އެސްޓީއޯއަށް ބޮޑު އާމްދަނީއެއް ލިބުނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން ތެޔޮ ވިއްކައިގެން އެ ކުންފުންޏަށް 1.446 ބިލިއަން ރުފިޔާ ލިބުނެވެ. އެކަމަކު މިއީ މިދިޔަ ކުއާޓަރުގައި ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީއާ ބަލާ އިރު، ދަށް އަދަދެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ތެޔޮ ވިއްކައިގެން އާމްދަނީގެ ގޮތުގައި 1.448 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ތެލުގެ އާމްދަނީ ދަށަށް ދިޔަ ނަމަވެސް، އެ ނޫން ވިޔަފާރިން އެސްޓީއޯއަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މި ވިޔަފާރިތަކުން އެސްޓީއޯއަށް 770 މިލިއަން ރުފިޔާ އާމްދަނީއެއް ލިބުނެވެ. މިއީ ފުރަތަމަ ކުއާޓަރަށް ވުރެ 63 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފުރަތަމަ ކުއާޓާގައި އެހެން ވިޔަފާރިތަކުން 706 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.

އެސްޓީއޯގެ ދެވަނަ ކުއާޓާ ރިޕޯޓުން ފާހަގަވާ ގޮތުގައި ކުންފުނީގެ ދިގު މުއްދަތުގެ ދަރަނި ނުވަތަ ނަން ކަރަންޓް ލަޔަބިލިޓީސް ވަނީ 50 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް މަދުވެފައެވެ. އަދި ހުސްވި ކުއާޓާގައި ކުންފުނީގެ ޕޮޒިޓިވް ކޭޝް ފްލޯއަށް އެންމެ 15 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މި ކުއާޓާގައި އެ އަދަދު ވަނީ 280 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ދެ ވަނަ ކުއާޓާގައި އެސްޓީއޯގެ މުވައްޒަފުންގެ އަދަދު ވަނީ ކުރީގެ ކުއާޓާ އަށް ވުރެ އިތުރުވެފައެވެ. އެގޮތުން، ދެ ވަނަ ކުއާޓާގައި 2،056 މީހުން ވަޒީފާ އަދާކުރި އިރު، ހުސްވި ކުއާޓާ ނިމުނު އިރު މަސައްކަތް ކުރީ 2،032 މީހުންނެވެ.