މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 56 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާާހީމް މުހައްމަދު ސޯލިހު ތަހުނިޔާ ފޮނުއްވާ، ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ތާ އަބަދަަށް ލެހެއްޓެވުމަށް ދުއާ ދަންވައިފިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 56 އަހަރު ފުރޭ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުން އަރިސްކުރައްވާ ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ތާ އަބަދަށް ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ދުވަހާ ގުޅިގެން ދިދަނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މިގޮތުން މާލެ ސިޓީގައި ވެސް ވަނީ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ ދެކަނބަލުންނާއި، ނައިބުރައީސް ފައިސަލް ނަސީމުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
ދިދަނެގުމުގެ މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު 05:50 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސް ސޯލިހު ވަޑައިގަތުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މަރުހަބާ ދަންނަވާފައެވެ. މި ދިދަނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ވެސް ކޮށްފައި ވެއެވެ. އަދި މި ދުއާ ކޮށްދެއްވާފައި ވަނީ އައްޝައިހް އަހްމަދު އަބްދުލް ކަރީމެވެ.
މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
ކުރާ ދުޢާއާއި ޚިލާފަށް އަމަލުތައް ބެހެއްޓުމަކީ މުނާފިގުންގެ ސިފައެއް