ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން، އެޕްރީލް 21 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 22 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އެޕްރީލް 21 ވާ އާދީއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމުން، އިންތިހާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާދިނުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިފައި ވާތީއެވެ.

އަދި 22 އެޕްރީލް ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ އިންތިހާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާ ނަތީޖާ އިއުލާނުކުރުމާ، އަދި މި ނޫންވެސް އިންތިހާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހުވެސް ކުރިއަށްދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާދިނުމަށް އެދިފައިވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލީސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް އެއީ ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ބިލު ތަސްދީގު ކުރެއްވުމާއެކު މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކުން 368 ކެނޑިޑޭޓުން ވާދަކުރަން ވަނީ ފޯމް ހުށަހަޅާފައިވާއިރު އީސީން ހާމަކުރި ގޮތުގައި އޭގެތެރެއިން އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުން ކަމަށެވެ. އެގޮތުން 130 ކެންޑިޑޭޓަކު އަމިއްލަ ގޮތުން ވާދަ ކުރައްވާ ކަމަށް އީސީން މައުލޫމާތު ދީފައި ވެއެވެ.