ރަހީނުކޮށްގެން އަނިޔާކޮށް މަރާލި 13 އަހަރު ކުއްޖާގެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލަގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެތެރެއިން 17 އަހަރުގެ ކުއްޖަކު ހިމެނެއެވެ. އޭނާގެ ބަންދުގެ މުއްދަތު ވަނީ ތިންވަނަ ފަހަރަށް އިތުރުކޮށްފައެވެ. އެނާގެ ބަންދަށް އެންމެ ފަހުން ދުވަސް ޖަހާފައިވަނީ މި މަހު 7 ގައެވެ. ބަންދުގެ މުއްދަތު ހަމަވެފައި ވާއިރު ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުންވަނީ ޖަހާފައެވެ.
ދެން މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނެކެއެވެ. އެމިހާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
އެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ނެރުނު އަމުރުގައިވާ ގޮތުން 27 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ މާރާމާރީ ހިންގުމާއި، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމާއި، ރަހީނު ކުރުމާއި އަދި ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ. މި ތުހުމަތުތައް ވަނީ މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަަރުގެ ކުއްޖާއަށް ވެސް ކޮށްފައެވެ.
އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. މަރާލި ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރު ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ކާރަކީ ޓެކްސީއެކެވެ. އަދި ޓެކްސީ ދުއްވި މީހާ މި އަމަލު ހިންގުމުގައި ޝާމިލުވެފައިވާ ކަން ކަށަވަރު ވެފައެއް ނުވެއެވެ.