ޒުވާނުންގެ ދުވަހާއި ގުޅިގެން "ނޫކަށި ފެސްޓިވަލް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތް މިނިސްޓްރީން ބުނީ މި ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 27 އިން 30 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ކަމަށާއި، ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލުގައި ޒުވާނުންގެ އެކި އުފެއްދުންތައް ދައްކުވައިދޭ ތަފާތު ސްޓޯލްތައް ހުންނާނެ ކަމަށެވެ.

އެގޮތުން ޒުވާން ވިޔަފާރިވެރިންގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ސްޓޯލުތައް ހިމެނޭނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޔޫތް މިނިސްޓްރީގެ ބައެއް ސްޓޯލްތައްވެސް މި ފެސްޓިވަލުން ފެނިގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫތް މިނިސްޓްރީން އިތުރަށް ބުނީ މި ފެސްޓިވަލުގައި ހަވީރު ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، އަދި ރޭގަނޑު އާޓިސްޓުންގެ ލައިވް މިއުޒިކް ޝޯ ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ. މި ދުވަހާއި ގުޅުވާ ދެއްވި މެސެޖުގައި ރައީސް މުއިއްޒުވެސް ވަނީ މުޖުތަމައުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކާއި، ރަށު ކައުންސިލްތަކާއި އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައާ ބައިނަލްއަގުވާމީ މަންސަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމުގައި ވިދާޅުވެފައެވެ.

އެއާއެކު ރައީސް ވަނީ ޒުވާނުންނަށް އުފެއްދުންތެރި ހުނަރުތައް ދަސްކޮށްދީ، އެމީހުންގެ މުސްތަގުބަލު ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު އެއް ތަސައްވުރަކީ ޒުވާނުންނަށް ބަސް ބުނުމުގެ ފުރުސަތު ދީ، ޒުވާނުންގެ އަޑުއަހާ އަދި ޒުވާނުން ބާރުވެރި ކުރުވުމެވެ.