އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ މުވައްޒަފުން ތަރުތީބުވާ ގޮތުގެ އޮނިގަނޑަށް އަމަލުކުރަން ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އޭޖީ އޮފީހުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޭޖީ އޮފީސް، ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގުކުރިތާ މަހެއް ނުވަނީސް، އެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި، އޭޖީ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމަށް ނެގި ވޯޓުގައި ބިލު ފާސްކުރުމަށް 65 މެންބަރުން ވޯޓު ދެއްވި އިރު، މި ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

މިއަދު ފާސްކުރި ބިލާއެކު، ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް ހަނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ބައެއް ބާރުތައް ދީފައެެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ބާރަކީ އޭޖީ އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އާއި ސެކްރެޓަރީ ޖެނެރަލް ވެސް ހިމެނޭ ގޮތަށް މުވައްޒަފުން ތަރުތީބުވާ ގޮތުގެ އޮނިގަނޑު އޭޖީ އެކުލަވާލުމަށް ފަހު އެ އޮނިގަނޑަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސް އޮފީހަށް ފޮނުވައި ރައީސްގެ ހުއްދަ ހޯދަންޖެހުމެވެ.

މީގެ ކުރިން އޭޖީ އޮފީސް ހިނގަމުން ދިޔައީ ސިވިލް ސާވިސްގެ ދަށުންނެވެ. މިކަމުގެ ސަބަބުން އާންމުކޮށް ވަކީލުންނަށް ލިބޭ މުސާރައަށް ވުރެ އޭޖީގެ ވަކީލުންގެ މުސާރަ ކުޑަވުމާއި އެކު ވަކީލުންނާ އެހެން ފަންނީ މުވައްޒަފުން ހޯދުމަށް ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.