ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6، 2021 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑު ކުރިކަމަށް ނުބެލެވޭ ކަމުގައި ފުލުހުން ބުނެފިއެވެ.
މޭ 6، ހަމަލާ އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސް ގައި ފުލުހުން ބުނެފައިވަނީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ބޭނުމުގައި ސައިކަލް ވަނީ ގަނެފައި ކަމަށާއި ސައިކަލް ގަނެފައިވަނީ 18،000 ރުފިޔާއަށް ކަމަށެވެ.
އަދި ބޮން ހެދުމަށް ޓަކައި އެޕާޓްމަންޓެއް ކުއްޔަށް ހިފާފައިވާ ކަމަށާއި ބޮމަށް ބޭނުންވާ ސާމާނު ގަތުމަށް ވެސް ހަރަދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކަށް ވެސް ހަރަދު ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް މި ހަމަލާއަށް ބަޔަކު ފަންޑުކުރިކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ އެކަމަށް ފާޑުވިދާޅުވެ، އެއްވެސް ވަޒީފާއެއް އަދާނުކުރާ ބަޔަކު ވެހިކަލް ގަނެ ގެސްޓްހައުސް ހިފާފައިވާ ކަން ތަހުގީގަށް އެނގޭއިރު މި ހަމަލާއަށް ފަންޑުކުރި ބަޔަކު ނެތްކަން ދައްކަން އުޅުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި މި ހަމަލާ ދީފައި ވަނީ އެތައް ދުވަހެއް ވަންދެން އެތައް ރޭވުމެއް ރޭވުމުގައި ދެމި ތިބެކަންވެސް ތަހުގީގަށް އެނގޭ ކަމަށެވެ.
ފުލުހުން ރޭގެ ޕްރެސް ކޮންފަރެންސް ގައި މައުލޫމާތު ދިން ގޮތުގައި ރައީސް ނަޝީދަށް ހަމަލާ ދިނުމަށް 2019 އިން ފެށިގެން އައީ މަސައްކަތް ކުރަމުންނެވެ. އަދި ޖާނުން ފިދާވެގެންވެސް ނަޝީދު އަވަހާރަ ކޮށްލުމަށް ތައްޔާރަށް ތިބިކަމަށާއި 3 ފަހަރު ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ރޭގެ ޕްރެސްގައި ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުންނަކީ ދިވެހި ދައުލަތް ގަބޫލު ނުކުރާ ދައުލަތުން ދޭ މުސާރަ ހަރާމް ކަމަށް ގަބޫލުކުރާ ބައެއް ކަމަށާއި އެމީހުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދުގެ ލޭ ހުއްދަ ކަމަށް ރޭގެ ޕްރެސްގައި ފުލުހުން ބުނެފައިވެއެވެ.
ރޭގެ ޕްރެސްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ނަޝީދަށް ހަމަލާދިން މީހުންނަކީ ވަޒީފާއެއް އަދާކުރާ މީހުންނެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ވަޒީފާތައް އަދާކުރާ މީހުންނަކީ ތާޣޫތުން ކަމުގައި ދެކޭ ބައެއް ކަމަށާ ދައުލަތުން މުސާރަ ނެގުމާ އާންމު ވިޔަފާރިތަކުން ވިޔަފާރި ކުރުމަކީ ވެސް ދީނާ ހިލާފު ކަމެއްގެ ގޮތުގައި އެމީހުން ދެކޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ އެމީހުން ދައުލަތުގެ ފައިސާ ބޭނުން ކުރުމަކީ ހަރާމް ކަމެއްކަމުގައި ދުށް ނަމަވެސް އަމިއްލަ ކަންކަމުގައި ދައުލަތުގެ ފައިސާ ބޭނުންކުރާ ކަމަށެވެ. އެ ގޮތުން އިންކަމް ސަޕޯޓް އެލަވަންސް އާއި އެންސްޕާގެ އެހީތެރިކަން ހޯދާކަމަށް ރިޔާޒް ފާހަގަ ކުރެއްވިއެވެ.