ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމޭއިރު ހަމަލާގެ އެންމެ ފުނަށް ވާސިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ އެ ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުތަކަށް، ފުލުހުންނަށް ތައުރީފުކުރައްވާ ކުރެއްވައެވެ.

އަސްލަމް ފުލުހުންނަށް ތައުރީފް ކުރައްވާފައިވަނީ ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމަލާއާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައި ވަނިކޮޮންނެވެ.

އަސްލަމް ވިދާޅުވީ ހަމަލާގެ އެންމެ ފުނަށް ފުލުހުންގެ ތަހުގީގުގައި ވާސިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ހައެއް މެއިގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ޕޮލިސް އިން ހޯއްދަވަމުން ގެންދަވާ ކުރިއެރިއެރުން ތަކަށް ތައުރީފުކުރަން. މި ތަހުގީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރަން،"
241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ ކުރިއަށް ގެންދިޔައީ އަސްލަމް އިސްކޮށް ހުންނަވައިގެން 241 ކޮމިޓީންނެވެ.

އެ ކޮމިޓީގައި އިންކުއަރީ ހިނގަމުން ދިޔަ ދުވަސްވަރު ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް ބޭފުޅުން ގެންދެވީ ފުލުހުންގެ ތަހުގީގު ލަސްކަމާއި ހަމަލާއަށް ފަންޑް ކުރި މީހުން ނުހޯދޭ ކަމަށް ވިދާޅުވެ ފުލުހުންނަށް ކެނޑިނޭޅި ފާޑުވިދާޅުވަމުންނެވެ. ނަމަވެސް އޭރުވެސް އަސްލަމް ގެންދެވީ ފުލުހުންގެ ތަހުގީގު ވަރަށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރިއަށްދާ ކަމާއި ތަހުގީގު މައުލޫމާތު ފުލުހުން މަޖިލީހާއި ހިއްސާކުރަމުންދާ ކަމަށް ވިދާޅުވަމުންނެވެ. އަދި ފުލުހުންނަށް އެކަށީގެންވާ ވަގުތު ދިނުމަށް ވެސް އަސްލަމް އެދިވަޑައިގެންފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ ނިންމާ ރިޕޯޓްގެ ބައެއް ބައިތައް އާންމުކުރީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެއްވެސް ބައެއް އުނިނުކޮށް އޮތް ރިޕޯޓުގެ ކޮޕީ ދައުލަތުގެ ތިން ބާރުގެ ވެރިންނާ ހިއްސާކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ.