ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި ވަނީ އެމަނިކުފާނު ސްރީލަންކާ އަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓް ގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަ ނުވާނެ ގޮތަށް އެޅި ފިޔަވަޅުތައް ފާހަގަ ކުރައްވައި މި ބަލިމަޑުކަމުން އަރައި ގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަ ކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަ ކުރެއްވިއެވެ.

ދެބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން މުސްތަގުބަލުގައި ވެސް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހްގެ އަރިހުގައި، ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި، ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 72.97 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 59.07 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލައި ބޯޑަރު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު އަލުން ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައި ވަނީ 2020 ޖުލައި ގައެވެ. އޭގެ ފަހުން މިހާތަނަށް 700،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.