މަސްމާރުކޭޓު މަތީ ފަންގިފިލާގައި ހިންގާ "ލިސްޓޯ" ފިހާރަ ފިޔަވައި އެހެން ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ މާލޭ މަސް މާރުކޭޓުގެ 1 އަދި 2 ވަނަ ބުރީގައި ހުރި، މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށް އެ އިދާރާއިން ކުރި އިއުލާނާ ގުޅިގެން، ރަސްމީ ލިޔުމެއް ސިޓީ ކައުންސިލަށް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ.

ނަމަވެސް އެތަނުގައި ހުރި މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ހުރިހާ ތަނެއްގައިވެސް މުދަލާއި ތަކެތި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެހެންކަމުން އެތަނުގައި ހުރި "ލިސްޓޯ" ފިހާރަ ފިޔަވައި އެހެނިހެން ތަންތަނަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެފަރާތަކުން އެތަނަކަށް ވައްދާފައިވާ މުދަލާއި ތަކެތި، ލަސްވެގެން މި މަހުގެ 28 ވާ ބުދަ ދުވަހުގެ ކުރިން އެތަންތަނުން ނެރެ، އެތަންތަން ހުސްކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ސިޓީ ކައުންސިލުން ބުނީ އެމުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު އެ އިދާރާއިން ނިންމާގޮތެއްގެ މަތިން އަމަލު ކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މާލޭ މަސްމާރުކޭޓު މައްޗަކީ ކުރިން ހޮޓަލެއްވެސް ހިންގި ތަނެކެވެ. މިހާރު އެތާނގައި އެތައް ބައެއްގެ މުދާ ރައްކާކޮށްފައި އެބަހުއްޓެވެ.