މާލޭގައި އެންމެ ފަހުން ހުޅުވި ސްކޫލް ކަމަށްވާ، އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއީލް ނަސީރު، އެ ސްކޫލުގެ 4 ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން މި މައްސަލަ ބެލުމުގައި ޝާމިލްވި ލޯފާމް ކަމަށްވާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުންނާއި ޓީޗަރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއްޒުއްދީންގެ ޕްރިންސިޕަލްއަށް 6 ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކުރި ،ކަމުގެ ތުހުމަތު ކޮށްފައި ވެއެވެ. އަދި އެއީ އެ އެސޯސިއޭޝަންގެ މެންބަރުން ކަމުގައިވެސް އެ އެސޯސިއޭޝަން އިން ބުނެއެވެ.
ޓީއޭއެމް އިން ބުނީ މި މައްސަލަ ފެންމަތިވުމުން އެޑިއުކޭޝަން މިނިސްޓްރީގެ ހާއްސަ ކޮމިޓީއަކުން މި މައްސަލަ ބަލައި ޖިންސީ ފުރައްސާރައިގެ އަމަލު ހިންގި ކަމަށް ސާބިތުވެފައި ވަނިކޮށް މި އަމަލު ހިންގި ފަރާތައް އެއްވެސް ފިޔަވަޅެއް ނާލާ އެފަރާތުގެ އެދުމުގެ މަތިން ޕްރޮމޯޝަނަކާއެކު އެހެން ސްކޫލަކަށް ބަދަލުކޮށްފައިވާކަމުގައެވެ.
އަދި ޓީއެމްއޭ އިން ވަނީ ތައުލީމީ ދާއިރާގެ ގަދަރުވެރި މަގާމެއްގައި ހުރެ އޭނާގެ ދަށުން ތިބި މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވެފައިވާ ހިނދު އަނިޔާ ދިން ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމަށް މިނިސްޓްރީ އިން މަސައްކަތްކުރަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޖިންސީ ފުރައްސާރައިގެ ށިކާރައަކަށް ވި ފަރާތްތަކަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ބަޔަކަށްވީ ހިނދު އެފަރާތްތަކަށް ބޭއިންސާފުން އެއްވެސް މަޝްވަރާކުރުމެއްނެތި ފިޔަވަޅުއަޅާފައިވާކަމަށް ޓީއެމްއޭއިން ތުހުމަތު ކުރެއެވެ. އަދި މިކަމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ އަދި ޖިންސީ ކުށުގެ ގާނޫނާ ހިލާފަށް ބޭއިންސާފުން ނިންމާފައިވާ ނިންމުމެއްކަމަށް ވެސް ޓީއެމްއޭ އިން ބުނެއެވެ.
ޓީއެމްއޭ އިން ވަނީ މައްސަލަ ސާބިތުވެފައިވާ ފަރާތުގެ މަސްލަހަތު އިސްކޮށް އެ ފަރާތް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެ ފަރާތަށް ގާނޫނުން ދޭންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެފަރާތަށް އެޅުމަށް ވެސް އެ އެސޯސިއޭޝަން އިން ވަނީ ގޮވާލާފައެވެ.
މި މައްސަލަ ބެލުމުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި 4 ޓީޗަރުންގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިން ބުނީ އެ ޓީޗަރުންނާ ދޭތެރޭ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނުހައްގުން ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި އެ ޓީޗަރުންތައް އެހެން ސުކޫލުތަކަށް ބަދަލު ކޮށްފައިވަނީ މި މައްސަލަ ހުށަހެޅިފަހުން ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި ފަރާތްތަކުގެ އެއްވެސް ބަހެއް ހޯދުމެއްނެތި ކަމަށް ޕީއައިއެލްސީ އިން ބުނެއެވެ.
މިއީ އެފަރާތްތައް ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށަހެޅުމުން އެފަރާތްތަކާމެދު ނުހައްގުން އެޅިފައިވާ ފިޔަވަޅެއްކަމަށް ބެލެވޭކަމަށްވެސް ޕީއައެލްސީ އިން ބުނެފައިވެއެވެ. ޕީއައިއެލްސީ އިން ބުނީ މިފަދަ ކަންކަން މިގޮތައް ހިނގަމުންދާ ނަމަ މި ކަމަކީ މައްސަލަ ހުށަހެޅުމުން ލިބުނު އަދަބެއްކަމަށް ބެލެވޭ ކަމަށެވެ. އަދި މިފަދަ އަމަލުތައް ތަހައްމަލްކުރަން ޖެހިފައިވާ އެހެނިހެން ފަރާތްތައް ވެސް މިފަދަ މައްސަލަތައް ހުށަހެޅުމަށް ބިރުގަނެ ޖެހިލުންވުމަކީ އެކަށީޣެންވާކަމެއް ކަމުގައި ޕީއައިއެލްސީ އިން ބުނެއެވެ.
އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީން އަމަލުކޮށްފައިވަނީ ޖިންސީ ފުރައްސާރަ ކުރުމާ ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ މަގްސަދާ ކަނޑައެޅިގެން ހިލާފުގޮތަށް ކަމަށެވެ.
ޕީއައިއެލްސީ އަދި ޓީއެމްއޭ އިން ނެރުނު ނޫސްބަޔާން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އިއްޒުއްދީން ސުކޫލުގެ 4 ޓީޗަރަކު އެހެން ސުކޫލަތަކަށް ބަދަލުވުމަށް އިއްޔެ އަންގާފައިވާނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި އިއްޒުއްދީން ސުކޫލުގެ 4 ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާދިނުމާ ގުޅިގެން ސުކޫލުގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑާޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިއާޔަތްކޮށް ކަމަށެވެ.
އަދި މި ރިވިއުއިން ސުކޫލް ހިންގުމުގައި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލެވުނު ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސުކޫލުގެ ބައެއް މަގާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދެއްވާފައިވާކަމަށް ވެސް މިނިސްޓްރީ އިން ބުނެއެވެ.
މިނިސްޓްރީއިން ބުނެފައިވަނީ މި 4 ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކުރުމާ ޖިންސީ ފުރައްސާރައިގެ މައްސަލައާ އެއްވެސް ގުޅުމެއް ނުވާ ކަމަށާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ސީރިއަސްކަމާއެކު ބަލާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދޭކަމަށެވެ.
ޕްރިންސިޕަލަކަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާއިރު އެ ޕްރިންސިޕަލްއާ ދޭތެރޭ އެޑިއުކޭޝަން މިނިސްޓްރީ އިން ފިޔަވަޅު އެޅިކަމެއް، ނާޅާކަމެއް ވެސް އަދި އެޅި ފިޔަވަޅެއް ވެސް މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ މިފަދަ ބަޔާންތައް (ޕީއައިއެލްސީ އަދި ޓީއެމްއޭގެ ނޫސްބަޔާން) ނެރުމުގައި ހަގީގަތުގެ މައްޗަށް ބަޔާން ލިޔުމަށް އިލްތިމާސްކޮށްފައެވެ.