މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން އިދިކޮޅުން ޑީލެއް ނުހަދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެހެން ވިދާޅުވީ ޕީޕީއެމް ކޯލީޝަނުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެމްޑީޕީގެ އިސް ފަރާތްތަކުން ރައީސް ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވަމުންދާތީ އެކަން ކަށަވަރުވާ ކަަމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީން މިވަންކުރަން ޑީލެއް ހަދަން ނުޖެހޭނެ ކަމަށާއި މިނިވަން ކުރައްވާނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ފުރަތަމަ ކަމަކަށް ރައީސް ޔާމީން މިނިވަން ކުރާނީ ޝަރުޢީ ނިޒާމުގެ ތެރެއިން. މިނިވަން ވެގެން 2023 ގައި ވާދަ ކުރައްވާނެ. އެމްޑީޕީއާއެކު ކޮން ޑީލެއްތޯ ހަދަން އޮންނާނީ، މިދެ ޕާޓީގެ ސިޔާސަތުއް އުޑާ ބިމާހާ ތަފާތު
ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް

ޝިޔާމް އެހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ނަޝީދު ވަނީ ޖުލައި 05، 2021 ވަނަ ދުވަހުގެ ރޭ ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައިވެސް ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވާނެ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ނަޝީދު އެރޭ ވިދާޅުވީ، 2023 ގެ އިންތިހާބަށް ދިއުމުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ޔާމީނާއި ޕީޕީއެމްއިން ވެސް ދެކޮޅު ހަދާނެކަމަށް ގަބޫ ނުކުރައްވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ގެނެސް މަޖިލީސް ތެރެއިން ބޮޑުވަޒީރު ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މި މައްސަލައިގައި ޕީޕީއެމުން ބުނެފައި ވަނީ، ނިޒާމެއް ބަދަލު ކުރަންވެސް އަދި އެނޫންކަމެއްގައިވެސް ރައީސް މުހައްމަދު ނަޝީދާވެސް އަދި އެމްޑީޕީއާވެސް ވާހަކަ ނުދައްކާ ކަމަށެވެ. ނަމަވެސް ފަހުން ޖުލައި 06، 2021 ގައި ޕީޕީއެމުން ބުނެފައި ވަނީ ނިޒާމު ބަދަލު ކުރަން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު މަޝްވަރާއަށް ދާން ތައްޔާރަށް ތިބި ކަމަށެވެ.