ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ތެރެއިން އެއްވެސް މީހަކަށް ކަނޑައަޅާފައި ނުވާ ފެލްޓްތަކަށް ގުރުއަތުން ހޮވިފައިވާ ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އޮޅުވާލައިގެން ކޯލްތަކެއް ކުރަމުން ދާތީ އެކަމަށް ސަމާލުވާން އެ ކޯޕްރޭޝަންއިން އެދިއްޖެއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށްފަހު ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައިނުވާ ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ނުގުޅާނެ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީގެ ބުނީ އެ މަޝްރޫއުގެ ދަށުން ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް އަމަލުކުރަމުންދާ އުސޫލަކީ، ފްލެޓް ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީހް އަދި އެދުވަހެއްގެ ގުރުއަތުގައި ފްލެޓް ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިއުލާނުކުރުމަށްފަހު، ޓީވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަމަށެވެ.

"އެހެންކަމުން ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި، ފްލެޓް ލިބިފައި ނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް، ލިބިފައިވާ ފްލެޓްގެ ތަފްސީލް ހިއްސާ ކުރުމަށް ނުގުޅާނެ ކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،"
އެޗްޑީސީ

އެކަން ކުރާނީ އާންމު އިއުލާނެއްގެ ޒަރިއްޔާއިން ނުވަތަ އެ ކޯޕަރޭޝަނުގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށް ކަމަށް އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީން ބުނީ މިފަދަ ކަމެއްގައި އެޗްޑީސީގެ ފަރާތުން ގުޅާނަމަ ބޭނުން ކުރާނީ އެ ކޯޕަރޭޝަނުގެ ރަސްމީ ނަންބަރުތައް ކަމަށެވެ. އެހެންކަމުން އޮޅުވާލައިގެން އެ ކޯޕަރޭޝަނުގެ ނަމުގައި ކުރާ ކޯލުތަކަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.