މިއަދު ޖުމްލަ 55 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، 119 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 25 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 20 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 10 މީހެކެވެ. ހަމައެއާއެކު މިއަދު 119 މީހަކު ބަލިން ރަނގަޅުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި 55 މީހުންނާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 1،010 އެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 2،801 އަށް ދަށްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 2،865 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 74،903 އެވެ. މީހުންގެ ތެރެއިން 71،77 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 213 އަށް އަރާފައެވެ.

މި އަހަރުގެ ކޮވިޑް ކޭސްތަކުގެ އަޕްޑޭޓް:

  • ޖެނުއަރީ: 2084 ކޭސް އާއި 4 މަރު
  • ފެބްރުއަރީ: 3952 ކޭސް އާއި 10 މަރު
  • މާޗް: 4286 ކޭސް އާއި 5 މަރު
  • އޭޕްރިލް: 5756 ކޭސް އާއި 6 މަރު
  • މެއި: 34،561 ކޭސް އާއި 88 މަރު
  • ޖޫން: 9402 ކޭސް އާއި 50 މަރު

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 489 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 61،041 މީހަކު ޕޮޒިޓިވްވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 165 މީހަކު މަރުވެފައެވެ. ވޭތުވެ ދިޔަ މަހުގެ ކޮވިޑް ކޭސްތައް މިވަނީ މިއަހަރުގެ މެއި މަހު ރިޕޯޓްކުރި ކޭސްތަކާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34،561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. އަދި ހުސްވި ޖޫން މަހު ވަނީ 9،402 މީހަކު ޕޮޒިޓިވްވެ 50 މީހަކު މަރުވެފައެވެ.

މިދިޔަ މަހުން ފެށިގެން ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނާތީ ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެއްވެ. އެ ގޮތުން މާލެ ސަރަހއްދުގައި ހިންގަމުން އައި ކާފިއު މިއަދުން ފެށިގެން ވަނީ އުވާލާފައެވެ. އެހެންކަމުން ވިޔަފާރިތައް ހުޅުވާލައިގެން އާންމުންނަށް ވަދެ ހިދުމަތް ހޯދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.